ads
ހުސެއިން އަމްރު: ފޮޓޯ:ސަން
އަމްރު ފަދަ މީހުން ބޮއިކޮޓު ކުރަން ނޫސްވެރިން ގޮވާލައިފި
ނޫސްވެރިންނަށް ސާބިތުނުހިފޭ ތުހުމަތުކުރަނީ ރާވައިގެން ކަމަށާއި، އެފަދަ މީހުން ބޮއިކޮޓުކުރަން ހިތްވަރު ދޭކަމަށް ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އިން ގޮވާލައިފިއެވެ.

އެމްޖޭއޭ އިން މިހެން ބުނެފައިވަނީ އެސްޓީއޯގެ ކުރީގެ އެމްޑީ އަދި، 'ދަ ޑިމޮކްރޭޓްސް' އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސެން އަމްރު ނޫސްވެރިންނާ އަމާޒުކޮށް ބައެއް ނޫސްވެރިން ސުވާލުކުރަނީ "ރައީސް އޮފީހުން އަންގާ ހެޑްލައިން" ޖެހުމަށް ކަމަށް ބުނެ ނޫސްވެރިންނަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާޑުކިއުމާ ގުޅިގެންނެވެ. އެ ބައްދަލުވުމުގައި އަމްރު ތުހުމަތު ކުރައްވާފައިވަނީ ނޫސްވެރިން ތިބީ "ވިކިފައި" ކަމަށެވެ. 

މި މައްސަލައިގައި ހޫނުކަން ބޮޑުވެފައިވަނިކޮށް އެމްޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، "ނޫސްވެރިންގެ ބޮލުގައި ސާބިތު ނުހިފޭ ސީރިއަސް ތުހުމަތު އަޅުވާ ފަރާތްތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރުމަށް" ނޫސްވެރިންނަށް އެ ޖަމިއްޔާއިން ހިތްވަރުދޭކަަމަށެވެ.

ނޫސްވެރިންނަށް އަމާޒުކޮށް ކިޔާ ފާޑުކިޔުންތައް ވާންވާނީ ބިނާކުރުވަނިވި ފާޑުކިޔުންތަކަކަށް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.  

"ނޫސްވެރިންނާމެދު ޒާތީވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" -އެމްޖޭއޭ-

މިފަދަ ސާބިތު ނުހިފޭ ތުހުމަތުތަކަކީ ނޫސްވެރިންގެ މަަސައްކަތަކީ ގައުމަށް ބޭނުމެއް ނެތް ކަމެއްގެ ގޮތުގައި ދައްކައި، އާއްމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެއްދުމަށް ކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި އަމްރުގެ ވާހަކަތައް ވަނީ ކުށްވެރިކޮށްފައެވެ. 

ނޫސްވެރިންނަށް ފާޑުކިއުމަށްފަހު އަމްރުއަށް ފާޑުކިޔުން ބޮޑުވުމާއެކު އޭނާ ވިދާޅުވެފައިވަނީ ނޫސްވެރިންނަށް ފާޑުވިދާޅުވީ "ހެޔޮއެދޭތީ" ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް އޭނާ މަސައްކަތް ކުރައްވާނެކަމަށެވެ. 

މި މައްސަލައިގައި ރައީސް އޮފީހުގެ ފަރާތުން ވެސް ވަނީ އަމްރުގެ ވާހަކަތައް ކުށްވެރިކޮށްފައެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް