ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ސ.މަރަދޫ ފޭދޫ، ލަކްސަމީވިލާ، ކާނަލް އަހްމަދު ޝަރީފު، މިދިޔަ މަހުގެ 22 ވަނަ ދުވަހު އައްޔަންކޮށްފައިވާކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ބަޔާނުގައި ޕީސީބީން ބުނެފައިވަނީ ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އަހްމަދު ޝަރީފު އައްޔަންކުރައްވާފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނީޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.
ޕީސީބީން ބުނީ ކާނަލް އަހްމަދު ޝަރީފަށް ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަނުކުރިކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ޝަރީފް މަގާމަށް އައްޔަނުކުރިކަމުގެ ލިޔުން ހަވާލުކުރެއްވީ ޕީސީބީގެ ރައީސް އާސިމް މުހައްމަދު ކަމަށް އެ ބޯޑުން ބުނެއެވެ.
އެ ރަސްމިއްޔާތުގައި ޕީސީބީން ވަނީ އެ ބޯޑުގެ ގާނޫނާއި ކޯޕަރޭޓް ގަވަނަންސް ކޯޑާ ގުޅޭ މައުލޫމާތު ހިމެނޭ ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާ، އެ ބޯޑުން ކުރިއަށް ގެންދިޔަ ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ފައިނޭންޝަލް އަދި ގަވަނަންސް ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ހިއްސާކޮށް އެކަންކަން އިސްލާހުކޮށް ދެއްވުމަށް އެދިވަޑައިގަންނަވާފައި ކަމަށް ޕީސީބީން ބުނެއެވެ.
ޕީސީބީން ބުނީ ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ހިންގުމުގައި މިހާރު ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ކައްދޫ އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ކާނަލް އަހްމަދު ޝަރީފަކީ އެމެރިކާގެ މެރިން ކޯ ޔުނިވާސިޓީން މާސްޓާސް އިން މިލިޓަރީ ސައިންސް ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށް ޕީސީބީން ބުނެއެވެ.
ޕީސީބީން ބުނި ގޮތުގައި ޝަރީފު ވަނީ ދުނިޔޭގެ އެކި ގައުމުތަކުން މިލިޓަރީ ދާއިރާއިންނާއި މެނޭޖްމަންޓުގެ ދާއިރާއިން ތަމްރީނުުތައް ފުރިހަމަ ކުރައްވާފައި ކަމުގައެވެ.
ޝަރީފް ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އެކި މަގާމުތަކުގައި އިހުލާސްތެރިކަމާ އެކު ހިދުމަތްކުރައްވައި، ކައްދޫ އެއާޕޯޓު ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު މީގެ ކުރިން އަދާކުރައްވާފައި ކަމަށް ޕީސީބީން ބުނެއެވެ. ޕީސީބީން ބުނެފައިވަނީ ޝަރީފް މިހާރު ހުންނެވީ ޑިފެންސް މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ސްޓްރެޓެޖިކް ސެކިއުރިޓީ އެންޑް އެސެސްމަންޓް (ޑީއެސްއޭ) ގެ ޕްރިންސިޕަލް ޑިރެކްޓަރުގެ މަގާމުގައި ކަމަށެވެ.