ކައްދޫ އެއާޕޯޓު ހިންގާ ކުންފުނި، ކައްދޫ އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (ކޭއޭސީއެލް) އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ އެއާޕޯޓު ތަރައްގީގެ މާސްޓާ ޕްލޭން އެކުލަވާލައި، ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް އެއާޕޯޓު ރީޑިވެލޮޕްމެންޓުގެ މަސައްކަތަށް ލަފާދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާ ކަމަށެވެ.
އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 17 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ކޭއޭސީއެލުން އާންމުކުރި ކަރުދާހުގައިވާ ގޮތުގައި ކައްދޫ އެއާޕޯޓު އަލުން ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ 2.45 ކިލޯމީޓަރުގެ ރަންވޭއަކާ އެކު ޕާކު ކުރާނެ އިތުރު ޖާގަ ހިމަނައިގެންނެވެ. އެ އެއާޕޯޓު ތަރައްގީ ކުރާނީ ބޮއިން 727 އަދި 737 މަރުކާގެ އެއާކްރާފްޓް ޖެއްސޭ ފެންވަރަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ކޭއޭސީއެލުން ބުނި ގޮތުގައި އެއާޕޯޓުގައި ސީޕްލޭން ޓާމިނަލަކާއި ފިއުލް ފާމެއް އަދި އާ އެއާޓްރެފިކް ކޮންޓްރޯލް ޓަވަރެއް ހުންނާނެ ކަމުގައެވެ. އޭގެ އިތުރުން ޕީކް ގަޑީގައި 600 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޓާމިނަލް އިމާރާތެއް އަޅާނެކަމަށް ކޭއޭސީއެލުން ބުނެއެވެ.
ކްރޮސް ސަބްސިޑީގެ އުސޫލުން ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ދޭނެ ފަރާތެއް ހޯދުމަށް ޖެނުއަރީ މަހު ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.