ads
މީމު އެއާޕޯޓު މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ
މީމު އެއާޕޯޓު މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް އެމްޓީސީސީން ނިންމައިފި
މުލަކު އަތޮޅުގައި ތަރައްގީކުރަމުން އަންނަ 'މީމު އެއާޕޯޓު' ގެ މަސައްކަތް ހަލުވިކަމާ އެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައި ކަމަށެވެ. އެއާޕޯޓް ގޮނޑުދޮށުގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ފަޔަ ރޯޑާއި ފަޔަ ޕެޑްގެ ސަބްގްރޭޑް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކުމާއި 1،812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް އެޅުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

މ. އަތޮޅަކީ ރާއްޖޭގައި އެއާޕޯޓެއް ނެތް ސަރަހައްދުތަކުގެ ތެރެއިން އެއް ސަރަހައްދެވެ. މީމު އެއާޕޯޓު ތަރައްގީ ކުރަމުންދަނީ އެ އަތޮޅުގެ ވެރިކަންކުރާ ރަށް މުލީގައެވެ. މި އެއާޕޯޓުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީން ފަށާފައިވަނީ 2021 ވަނަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ މި އެއާޕޯޓުގެ އެޅުމަށް މުލީ ފަޅުން އިތުރު 14 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 230.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް