މި މެޗު ނިމުނީ ކޮންމެ ޓީމަކުންވެސް ލަނޑެއްޖަހާ އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ގްރޭވްސް އިންނެވެ. ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ގްރޭވްސްއަށް ލީޑު ނަގައިދިނީ މުހައްމަދު ވަހީދެވެ.
ނަމަވެސް އޭގެ ހަ މިނެޓު ފަހުން ބްރަދާސްއިން ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ބްރަދާސްއަށް ނަތީޖާ އެއްވަރު ކޮށްދިނީ އިބްރާހިމް ޝަރީފެވެ.
މި ދެޓީމަކީ ލީގު ތާވަލުގެ އެއްވަނައަށް ވާދަކުރާ ދެޓީމެވެ. ކޮންމެ ޓީމަކަށްވެސް ލިބެނީ ހަތް ޕޮއިންޓެވެ. ތާވަލުގެ އެއްވަނާގައި ބްރަދާސް އޮތީ ފައިދާ ގޯލުންނެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމެކެވެ. ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ އަދި ތިންވަނަ ޓީމު ވާދަކުރާ ސެމީ ފައިނަލް މެޗު ކާމިޔާބުކުރާ ޓީމަކަށެވެ.