ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ދިއްގަރުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ރަށާ ދޭތެރޭ އުއްމީދު އެބައޮތް ކަމަށާއި ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދޭނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރަށުގައި ތިބެގެން ރަނގަޅު ސިއްހީ ފަރުވާ ހޯދޭނެ ގޮތެއް އޮތުން މުހިންމެވެ. އެކަން ފުރިހަމަކުރަން ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް ރައީސް އިއުލާންކުރެއްވިއެވެ. ނަމަވެސް، ހޮސްޕިޓަލް އަޅައި ނިމެންދެން މަޑުނުކޮށް ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
"މިހާރު ހުރި ހެލްތު ސެންޓަރުން ރަނގަޅަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެކްސްރޭ މެޝިނާއި އަދި ވެސް ބޭނުންވާ މުވައްޒަފުންނާ އެހެނިހެން ތަކެތި މި ރަށަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފޮނުވާނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރަށުގެ ބިން ހިއްކުމަށްފަހު ބޭނުންވަނީ ބޯހިޔާވަހިކަން ކަމަށާއި މި ފަހަރުގެ މެނިފެސްޓޯގައި ދިއްގަރަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފްލެޓް ނޫނީ ރޯހައުސް އިމާރާތް ކޮށްދޭނެ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ޒުވާނުންނަށް ބޭނުންވާ ފުޓްބޯޅަ ދަނޑާއި ޒުވާނުންގެ މަރުކަޒު ވެސް ބިނާކޮށްދީ، ފައިސާގެ މުއާމަލާތް ކުރުމުގައި ފަސޭހަކޮށްދިނުމަށް ދިއްގަރުގައި އޭޓީއެމްގެ ހިދުމަތް ފަށައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މަގު ހެދުން ވެސް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މަގު ހަދާ ރަށްރަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ވިދާޅުވިއެވެ.