މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަ ޝާހިދު ހުސައިން މޫސާއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
ހިމަންދޫއަކީ 870 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި އާންމު ގޮތެއްގައި ކޮށްއުޅޭ މަސައްކަތަކީ މަސްވެރިކަމެވެ. އެ ރަށުގައި ހަލުވި ދުވެއްޔެއްގައި ގެސްޓް ހައުސް ވިޔަފާރިވެސް އަންނަނީ ފުޅާވެ ކުރިއަރަމުންނެވެ. އެގޮތުން މިހާރުވެސް އާންމުން ދިރިނޫޅޭ ގޮނޑުދޮށް ސަރަހައްދުގައި ކުއްޔަށް ނަގާފައިވާ ހަ ބިމެއްގައި އިންވެސްޓަރުން އަންނަނީ ގެސްޓް ހައުސް އިމާރާތް ކުރަމުންނެވެ.
މިއަދު ސޮއިކުރެވުނު ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު އެ ސަރަހައްދު ހިމާޔަތް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ އެ މަސައްކަތުގެ ސަބަބުން ރަށުގެ އިގުތިސޯދަށް ކުރިއެރުން ލިބޭނެ ކަމަށެވެ.
ހިމަންދޫއަކީ ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާ ރަށެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ އަމިއްލަ ފަރާތެއްގެ ފައިބަރު ފެކްޓަރީއެއް ހުންނަ ސަރަހައްދުގެ 80 އިންސައްތަ މިހާރުވެސް ގިރައިގެން ގޮސްފައިވާ ކަމަށެވެ. ރަށް ގިރުމުގެ ސަބަބުން އާންމު ފަރާތްތަކުގެ ރުއް ގަސް މޫދަށް ވެއްޓުމުގެ ހާދިސާތަކާ ވަރަށް ގިނައިން ކުރިމަތިލާން ޖެހޭ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނި ގޮތުގައި ހިމަންދޫ ގޮނޑުދޮށް ހިމާޔަތް ކުރެވުމަކީ ރައްޔިތުން ތަހައްމަލު ކުރަމުން އަންނަ ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކުންފުނިން ދެކޭ ކަމުގައެވެ.
ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
- 43،200 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށަށް ވެލި އެޅުން
- 110 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން
- 235 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުން
- 240 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން
- 20 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ގްރޮއިން ޖެހުން
ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 26.50 މިލިއަން ރުފިޔާއަށް 365 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށް އެމްޓީސީސީން ބުނެއެވެ.