މީރާއިން ބުނީ މި އަހަރުގެ ޖޫން މަހު އެ އޮތޯރިޓީއަށް 1.61 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށެވެ. އެއީ އެ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 42.9 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މި އަހަރުގެ އެ މަހު ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ އާމްދަނީން ނަގާ ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުން ކަމުގައެވެ. އެކަމުގެ ސަބަބަކީ 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަދި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން ސުންގަޑީގެ ތާރީހު ހިނގަމުން މިދާ ޖުލައި މަހަށް ފަސްވުން ކަމުގައި މީރާއިން ބުނެއެވެ.
އެ އޮތޯރިޓީން ބުނެފައިވަނީ ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކުހާއި ފީ ގެ ސުންގަޑިވެސް ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން މި ޖުލައި މަހަށް ފަސްކޮށްފައިވާ ކަމަށެވެ.
މިދިޔަ ޖޫން މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ބޭންކް އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓުގެ އިތުރުން ޖީއެސްޓީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުން ކަމަށް މީރާއިން ބުނެއެވެ. މީރާއިން ބުނީ މި ޓެކްސްތައް ދެއްކުމުގެ ސުންގަޑި ޖުލައި މަހަށް ފަސްކޮށްފައި ވީނަމަވެސް، ބައެއް ޓެކްސް ދައްކާ ފަރާތްތަކުން ސުންގަޑީގެ ކުރިން ފައިސާ ދައްކާފައިވާ ކަމަށެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ޖޫން މަހު މީރާ އަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:
މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 48.42 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.