ads
ރަކީދޫގައި ރައީސް ސޯލިހު ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ސަރުކާރުން އަޅާ ސަބްމެރިން ކޭބަލާ އެކު އިންޓަނެޓުގެ އަގުހެޔޮވެ، ސްޕީޑް ހަލުއިވާނެ ކަމަށް - ފޮޓޯ:އެމްޑީޕީ
ސަބްމެރިން ކޭބަލާ އެކު އިންޓަނެޓުގެ އަގު ހެޔޮވެ، ސްޕީޑް ހަލުވިވާނެ: ރައީސް
ސަރުކާރުން އަޅާ ސަބްމެރިން ކޭބަލާ އެކު އިންޓަނެޓުގެ އަގުހެޔޮވެ، ސްޕީޑު ހަލުވިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނުގައި ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރަކީދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން އަޅާ ސަބްމެރިން ކޭބަލް އަންނަ މަހުގެ މެދުތެރޭގައި ރާއްޖެއަށް ފޯރާނެ ކަމަށެވެ.
ސަރުކާރު ހިންގުމުގައި ޑިޖިޓަލް ނިޒާމެއް ގާއިމުގެ ބޭނުމަކީ އެމީހަކު ހުރި ތަނަކުން ހިދުމަތް ލިބޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވަނީ މީގެ ދެ އަހަރު ކުރިން އިންޓަނެޓުގެ އަގަށް ގެނެވުނު ހެޔޮ ބަދަލާ އެކު މަސައްކަތް ކުރަމުން އައީ އިންޓަނެޓު އިތުރަށް ހަލުއިކޮށް، އަގުހެޔޮ ކުރެވޭނެ ގޮތްތައް ހޯދުމަށް ކަމަށެވެ. އެގޮތުން އަޅާ ކޭބަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އިންޓަނެޓުގެ ރީޓެއިލް ހިދުމަތުގެ ތެރެއަށް ވަނުމަށް ނޫން ކަމަށާއި މިހާރުވެސް އެ ހިދުމަތް ފޯރުކޮށްދެމުން އަންނަ ފަރާތްތަކަށާއި އެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަން ކަމަށެވެ.
އެ ކަމުން އެކަހެރިކޮށް ހުރި ރަށްތަކަށް ހިދުމަތްތައް ހޯދުމަށް ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ދެމުން އަންނަ އިންޓަނެޓު ހިދުމަތުގެ އަގު ސަރުކާރުން ހެޔޮކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.
ރާއްޖެއަށް އަޅާ ސަބްމެރިން ކޭބަލް މާކަނޑުގެ އަޑީގައި ދަމާލުމުގެ މަސައްކަތް އަންނީ ކުރަމުންނެވެ. އެ މަސައްކަތް ކުރަމުން އަންނަނީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އޯޝަން ކަނެކްޓު މޯލްޑިވްސް ކުންފުންޏާއި އިންޑިއާގެ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯ ލިމިޓެޑާ ގުޅިގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް