ރައީސް ވިދާޅުވީ ވަޑައިގަންނަވާ ކޮންމެ ރަށަކުން ތަރައްޤީގެ ބަދަލުތައް ފެނިވަޑައިގަންނަވާ ކަމަށެވެ.
ހޯރަފުށީ ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ތަރައްްގީ އަކީ އަބަދުވެސް މިހާރު އޮތް ހިސާބުން އެހެން ހިސާބަކަށް ބަދަލުކޮށްލާ އެއްޗެއް ކަމަށާއި، ހޯރަފުށި އޮތީ ކިރިޔާ ދިރިއުޅެން ކަމުދާ ރަށެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ވޭތުވެދިޔަ 70 އަހަރު ދުވަހުގެ ތެރޭގައި އެ ރަށަށް މާބޮޑު ކަމެއް ކޮށްދީފައި ނެތް ނަމަވެސް މި 5 އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ކޮށްދެއްވިފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެ ރަށުން އެ މަނިކުފާނަށް ވޯޓު ދެއްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
ހޯރަފުށީ އެއާޕޯޓަކީ މި ވެރިކަމުގައި އަޅަން ފަށާ ނިންމި ފުރަތަމަ އެއާޕޯޓްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެފަދަ އިތުރު އެއާޕޯޓްތަކުގެ މަސައްކަތްތައް ރާއްޖޭގައި މިހާރު ކުރިއަށްދާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެ މަސައްކަތްތައް ކުރައްވަނީ ތަސައްވުރެއް އޮވެގެން ކަމަށާއި އެއްވެސް ރަށެއް އަނެއް ރަށާއި ތަފާތު ނުކުރައްވާ ހިދުމަތްތައް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑްގެ ހާލަތަށް ފަހު ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށެވެ. އަދި އެ ހާލަތާއެކު ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ގިނަ ގޮންޖެހުންތަކެއް ދިމާވި ކަމަށެވެ. ހަމައެކަނި މާދަމާ ފެންނަ މީހަކަށް ތަރައްޤީ ނުގެނެވޭނެ ކަމަށާއި އެކަން ކުރެވޭނީ ތަސައްވުރެއް އޮވެގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.