ads
އަލީ ވަހީދު (ބަލަކް)، ފޯޓޯ: ދާދު
ބަލަކްގެ އެޓޯލްސް ފުޓްބޯޅަ ކްލަބު ތައާރަފްކޮށްފި
ފުޓްބޯޅާގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ އަލީ ވަހީދު (ބަލަކް) ގެ އެޓޯލްސް ފުޓްބޯޅަ ކްލަބް ތައާރަފްކޮށްފިއެވެ.

މި ކްލަބު ތައާރަފްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ހިރިޔާ ސްކޫލުގެ ހޯލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ކުރީގެ ބައެއް މަޝްހޫރު ކުޅުންތެރިންނާއި، ކޯޗުން އަދި ފުޓުބޯޅައިގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.

އެޓޯލްސް ފުޓުބޯޅަ ކުލަބާއެކު ބަލަކް ވަނީ އަމާޒުތަކެއްވެސް ކަނޑައަޅައިފައެވެ. އެގޮތުން އެކުލަބުގެ އެންމެ ފުރަތަމަ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ބައިނަލްއަގްވާމީ ނެޓްވޯކެއްގައި ހިމެނުމެވެ. އެއަށްފަހު ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ ލީގު ޗެމްޕިއަނުންނަށްވާން އަމާޒު ހިފާފައިވާއިރު، 10 އަހަރު ދުވަހުގެ ތެރޭގައި އޭއެފްސީ ކަޕް ކާމިޔާބު ކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން 15 އަހަރުގެ ތެރޭގައި ޕްރޮފެޝަނަލް ޤައުމީ ޓީމެއް އެކުލަވާލުމަށްފަހު، 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ފީފާ ވޯލްޑް ކަޕަށް ކޮލިފައި ކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ބަލަކަކީ އެޓޯލްސް ފުޓުބޯޅަ ކުލަބުގެ ހެޑް ކޯޗެވެ. އެ މަގާމަށް އައުމުގެ ކުރިން އޭނާ ވަނީ އިނގިރޭސި ވިލާތުގެ ކުލަބަކަށް ކޯޗުކަން ކޮށްދީ، އެކުލަބަށް ތައްޓެއް ކާމިޔާބު ކޮށްދީފައެވެ. ސައުތު ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް މިއަހަރު ހޮވުނީވެސް ބަލަކްއެވެ. 

އަލީ ވަހީދަކީ ކުރިން ވެސް ދިވެހި ފުޓުބޯޅައިގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ފަރާތެކެވެ. އެގޮތުން ގައުމީ ޓީމުގެ މެނޭޖަރުކަމާއި ނިއު ރޭޑިއަންޓްގެ މެނޭޖަރުކަން ވަނީ ކޮށްފައެވެ. އެއަށްފަހު ނިއުގެ ޗެއާމަންކަމާއި ހަވާލުވެ އޭނާ ވަނީ އެކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. 

59%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް