ގްރޭވްސްއިން މުބާރާތުގެ ތަށި އުފުލާލާފައި މިވަނީ ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. އެޓީމަކީ ޖޯޝް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމެވެ. މިފަހަރުގެ ތަށްޓާއެކު ގްރޭވްސްއިން ވަނީ ޖުމްލަ ހަފަހަރު މުބާރާތުގެ ތަށި ކާމިޔާބުކޮށްފައެވެ.
ފޯރިގަދަ ފައިނަލް މެޗުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ގްރޭވްސްއިން މުބާރާތް ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 5-3 ން ކުރި ހޯދައިގެންނެވެ. ގްރޭވްސްގެ ފަސް ޕެނަލްޓީވެސް އެޓީމުން ކާމިޔާބު ކުރިއިރު، ޔަންގް ޝޫޓާސްއަށް މުބާރާތް ގެއްލުނީ އެޓީމުގެ މުހައްމަދު މޫސާ (މޮހޯން) ޖެހި ޕެނަލްޓީ ނާކާމިޔާބު ވުމުންނެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ގްރޭވްސްގެ މުހައްމަދު ވަހީދެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ އިތުރުން، އެންމެ މޮޅު ސްޓްރައިކަރުގެ މަގާމު ހޯދީ ޔަންގް ޝޫޓާސްގެ މުހައްމަދު މައުރޫފް (މާއްޓޭ) އެވެ. އެންމެ މޮޅު މިޑްފީލްޑަރަކީ އެޓީމުގެ ހުސައިން އަބްދުالله (އުޗީ) އެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ހޯދީ ލަވެންޑާ ޔުނައިޓެޑްގެ އަހްމަދު ޝާން އަލީއެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ގްރޭވްސްގެ އަބްދުالله ރިމާޒެވެ. އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ގްރޭވްސްގެ ހުސައިން ވިޝާލް ހޯދިއިރު، ފެއާ ޕްލޭ ކުޅުންތެރިޔަކީ އެޓީމުގެ ކެޕްޓަން މުހައްމަދު ޝިބާންއެވެ.
މިއީ ޖޯޝް ޖަމިއްޔާއިން އިންތިޒާމުކޮށްގެން މި މުބާރާތް ބޭއްވި 16 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ 2006 ވަނަ އަހަރުއެވެ.