ads
ތިނަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުން - ފޮޓޯ:އެމްޓީސީސީ
ތިނަދޫ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިމޭނެ: އާޒިމް
ގދ. ތިނަދޫގައި ތަރައްގީ ކުރަމުންދާ އިންޓަނޭޝަނަލް ސީ ޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ތިނަދޫ އިންޑަސްޓްރިއަލް ޒޯނުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އިންޓަނޭޝަނަލް ސީ ޕޯޓުގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މަސް ނިމުމުގެ ކުރިން ބަނދަރުގެ ކީވޯލް މަސައްކަތް ފަށާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވެފައިވަނީ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. 

ތިނަދޫގެ ސިނާއީ ސަރަހައްދު ހިއްކާ، ސަރަހައްދީ ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. މި މަޝްރޫއުގެ ދަށުން ރާއްޖޭން ބޭރުން މުދާ ހިފައިގެން އަންނަ އުޅަނދުތަކަށް ކައިރި ކުރެވޭނެ ގޮތަށް ހަދާ ޕޯޓުގެ ބަނދަރު މަސައްކަތާއި ރަށުގައި ބޭނުން ކުރަމުންދާ އާންމު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް 10 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ހަމަޖެހިފައިވެއެވެ.

އާޒިމް ވިދާޅުވި ގޮތުގައި ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިމުގެ ބޮޑުބައެއް މިހާރު ހިއްކާ ނިމިފައިވާ ކަމަށާއި ބަނދަރުގެ ތޮށީގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމުގައެވެ. ތިނަދޫގައި މިހާރު ބޭނުން ކުރަމުން އަންނަ އާންމު ބަނދަރަށް 350 މީޓަރުގެ ތޮއްޓެއް އިތުރުކޮށް 3.5 މީޓަރަށް ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރާ ގޮތަށް ވަނީ ނިންމާފައެވެ.

ތިނަދޫ އިންޓަނޭޝަނަލް ޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން ހަދާ ބަނދަރުގައި 90 މީޓަރުގެ ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ބުނީ ބަނދަރުގެ ފުންމިނުގައި 8.5 މީޓަރުގެ ހުންނާނެ ކަމަށާއި މުދާ އުފުލާ ބޮޑެތި ބޯޓުފަހަރަށް ފަސޭހަކަމާ އެކު ބަނދަރާ ކައިރިކޮށް، މުދާ ބާލައި އެރުވޭނެ ކަމަށެވެ.

your imageއެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: ވިދާޅުވީ ތިނަދޫ އިންޓަނޭޝަނަލް ޕޯޓުގެ މަސައްކަތް ސެޕްޓެމްބަރު މަހަށް ނިމޭނެ ކަމަށް - ފޮޓޯ:އެމްޓީސީސީ

އާޒިމް ވިދާޅުވެފައިވަނީ ދެވަނަ ފިޔަވަހީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް އީއައިއޭ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެ މަހެއްހާ ދުވަހުގެ ތެރޭގައި އީއައިއޭ ނިމި ޕިކްނިކް އައިލެންޑުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މި މަހުގެ ތެރޭގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ވަނީ ތިނަދޫގައި މަސްވެރިކަމުގެ ފެސިލިޓީތަކެއް ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައެވެ.

އެމްޓީސީސީން ބުނި ގޮތުގައި ތިނަދޫ އިންޑަސްޓްރިއަލް ޒޯނުގެ މިފްކޯ ސަރަހައްދުގައި،

  • ކޯލްޑް ސްޓޯރޭޖާއި ޑީސަލް ޓޭންކްގެ ފައުންޑޭޝަން މަސައްކަތް ކުރާނެ
  • އެއް ފަންގިފިލާގެ 4،790 އަކަފޫޓުގެ އިދާރީ އޮފީހެއް އިމާރާތް ކުރާނެ
  • އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ އިމާރާތެއް ހަދާނެ
  • އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ އިމާރާތެއް ހަދާނެ
  • 3،050.363 އަަކަފޫޓުގެ ސަރަހައްދެއްގައި ރީ-އިންފޯސްޑް ކޮންކްރީޓް ޕޭވިން އެޅުމުގެ މަސައްކަތް ކުރާނެ

އާޒިމް ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ބޭނުންވާ ބިން އިތުރުކުރުމުގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގައެވެ. ބިމުގެ މަސައްކަތް ނިމުމާ އެކު އިމާރާތްތައް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށާއި ޕްރޮޖެކްޓުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރު ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް