ads
ޖުލައި 26، 1965 ގައި މިނިވަންކަމުގެ އެގްރިމަންޓްގައި ސޮއިކުރައްވަނީ : ފޮޓޯ/ ދިވެހި ޑައިޖެސްޓް
މިނިވަންކަމުގެ ދަތުރުގައި ސިޔާސީ ގޮތުން "ސިޔާސަ" ނުވެ ކުރިއަށް ހިންގަވާށެވެ.
އަޅުވެތިކަމަށް ނުރުހުންތެރި ވުމާއި، އަޅުވެތިކަމަށް ނަފްރަތު ކުރުމާއި، އަޅުވެތިކަމުގެ ކަސްތޮޅުތައް ދެކެ ބިރު ގަތުމަކީ އިންސާނާގެ ޒަރޫރީ ސިފައެކެވެ. ތެދެކެވެ. މިނިވަންކަން ހޯދުމަށް ޓަކައި ކާބަފައިން ކުރެއްވި ޖިހާދުގެ މަތީން އަޅުގަނޑުމެން ހަނދާންކުރާން ޖެހެއެވެ. އެ ހަދާން އާކުރަންވާނީ ބާޣީންނަކީ، ޣައްދާރުންނަކީ، ބަޠަލުންނަކީ، އަދި ކިއެއްތަ، ޚާއިނުންނަކީ ކޮބައިތޯ ދެނެތިބެއެވެ. އެއީ، އިންޑިޔާ ކަނޑުގައި ކުދި މުތީ ތަކެންހެން ފެންނަ އޮތް އަހަރުމެންގެ މިލޮބުވެތި ދިވެހި ފަސްގަނޑުގެ މާދަމާއަށްޓަކައެވެ.
Advertisement

މިގައުމު މިނިވަންކަމަތީ މިއަދާ ހަމައަށްވެސް އޮތުމުގެ ސިއްރަކީ ދިވެހިން ގައުމަށް ޣައްދާރުވި ހާއިނުންގެ މައްޗަށް، ދިވެހި ބަޠަލުން ނެރުއްވި ގައުމީ ޖޯޝާއި ވަތަނީ އިސްނެންގެވުމެވެ. ނަތީޖާ އަކީ ކާބަފައިންގެ ހިއްވަރާއި މިންނެތް ބުރަ މަސައްކަތުން ދިވެހިން މިއަދު މި މުނާސަބު ކުރަނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރުފުރޭ 59ވަނަ މިނިވަންދުވަހެވެ.

ދިވެހި ޤައުމުގެ ދިގު ތާރީހްގައި ހާމަވަނީ މިގައުމު މިނިވަންކަމަށްޓަކައި ކުރީ ވަރަށް ވެސް ދިގު ދަތުރެއްކަމެވެ. އެތައް ކޮޅިގަނޑެއްގައި ޖެހި، އެތައް ތޫފާންތަކެއް ކުރިމަތިވިއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ދިވެހި ލޭހިނގާ ހިތްވަރުގަދަ ފަހުލަވާނުން ތަކެއްގެ ޖެހިލުންކުޑަ މަސައްކަތުން ޤައުމު އަމާން ބަނދަރަކާ ހަމައަށްވަނީ ގެންގޮސްދީފައެވެ. ދިވެހި ކާބަފައިންވަނީ މި ގައުމު އަޅުވެތި ކަމެއްގެ ތެރެއަށް ވެއްޓޭ ކޮންމެ ފަހަރަކުމެ ނުހަނު ހިކްމަތްތެރިކަމާއި، ބުރަ މަސައްކަތުން އަލުން މިނިވަންކަން ދިވެހި ފަސްގަޑަށް ހޯއްދަވާ ދެއްވި އެވެ. ރާއްޖޭގެ ބިމުގެ މިލްކުވެރިކަން މިއަދާ ހަމައަށް އަމާނާތްތެރި ކަމާއެކު ދިވެހިންނަށް ވާސިލު ވީ ވަރަށް ސާބިތުކަމާ އެކު ކާބަފައިން އިއްވި ނިޔާ އިންނެވެ.

އެންމެ ކުރީ ޒަމާނުގައިވެސް ދިވެހިންވަނީ ކަނޑުފޭރޭ މީހުންނާއި ކުރިމަތިލާ އެތައް ހަނގުރާމައެއް ފަތަހަކޮށްފަ އެވެ. ދިވެހި ތާރީހްގައި ފާހަގަކޮށްލެވޭ ހާދިސާތަކުގެ ތެރޭގައި ޕޯޗުގީޒުންގެ އަތުން ރާއްޖެ ސަލާމަތްވިގޮތާއި އެއަށްފަހު ހޮޅީންގެ އަތްދަށުން މިނިވަންވުމަށް ޓަކައި ދޮންބަންޑާރައިން ކުރެއްވި ޖިހާދުން އަބަދުމެ ހަނދާން ކުރާންޖެހެއެވެ. އަދި ޕޯޗުގީޒުންގެ އަތްދަށުން މިނިވަންކަން ހޯއްދެވުމަށް ޓަކައި އުތީމު މުޙައްމަދު ތަކުރުފާނު ވެވަޑައިގަތް ޤުރުބާނީ ފާހަގަ ކޮށްލެވެއެވެ. މިއީ އިބްރަތްތެރި ވާހަކަ ތަކެކެވެ. ހަމައެއާއެކު ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުގޮތުގެ އިތުރުން އެ މިނިވަންކަމަށް ފަހުގެ ތާރީހެއްގައި އަމާޒުކުރެވުނު ނުރައްކާތެރި ހަމަލާއިން ދިފާއުވިގޮތްވެސް ހިމެނިގެންދެއެވެ. އަމިއްލަ މިނިވަން ކަމަކީ ކިހާބޮޑު ނިއުމަތެއްކަން ހާމަކޮށްދީފައެވެ. ރާއްޖޭގެ ބިމާއި ކަނޑާއި ޖައްވާއި ޤުދުރަތީ ވަސީލަތްތަކަކީ މި ޤައުމުގެ ޤައުމިއްޔަތަށް ކިހާ މުހިއްމު އެއްޗެހި ތަކެއްކަން ސާބިތުކޮށްދީފައެވެ.

ރާއްޖެ ހޮޅީންގެ އަތްދަށުން މިންޖުވުމަށްފަހު އިނގިރޭސިންގެ ސިޔާސީ ބާރުގެދަށުގައި އެތަކެއް ދުވަހެއްވަންދެން އޮތެވެ. މީލާދީން 1887 ވަނަ އަހަރު އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ދިވެހިންވަނީ އެދުވަސްވަރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައެވެ. އަދި ހަމައެދުވަސްވަރު ރާއްޖޭގެ ދެކުނުގައި އިނގިރޭސިންގެ ވަކިތައް ހިއްޕާލާފައިވަނީ ވަރަށް ގަދަޔަށެވެ.

ރާއްޖެއިން އެހެން ގައުމުތަކާއިމެދު ބާއްވާ ގުޅުންތަކާއި، އަދި ރާއްޖޭގެ ދައުލަތް ހިނގުމުގައިވެސް އިނގިރޭސީންގެ ރުހުން ހޯދަން ޖެހުނެވެ. އަދި 1948 ވަނަ އަހަރު އެއްބަސްވެވިފައިވާ މުޢާހަދާއެއްގެ ދަށުން 2000 ޕައުންޑުގެ ކުއްޔަކަށް ސަތޭކަ އަހަރަށް އައްޑުއަތޮޅު ގަން ވަނީ އިނގިރޭސީންނަށް ކުއްޔަށްދިނެވެ. އެދުވަސްވަރު ދިވެހިރާއްޖޭގެ ވަޒީރުލް އައުޒަމްގެ މަގާމާއި އަލަށް ހަވާލުވެ ވަޑައިގެންނެވި ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު ވަނީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަންކުރެއްވުމަށް ނުހަނު ގިނަ މަސައްކަތްޕުޅުތަކެއްކުރައްވާފައެވެ.

އެގޮތުން މާރޗް 1958 ގައި ރައްޔިތުން މަޖްލިސްގެ ޖަލްސާއަކުން އައްޑު އަތޮޅު ގަން އިނގިރޭސިންނަށް 100 އަހަރަށް ކުއްޔަށްދިނުމަށް ކުރެވިފައިވާ އެއްބަސްވުން ދިވެހި ސަރުކާރުން ޤަބޫލުނުކުރާކަމަށް ނިންމެވިއެވެ. އަދި ހަމަ މިދުވަސްވަރު 1959 ގައި އައްޑުއަތޮޅުގައި ދިވެހި ސަރުކާރާއި ދެކޮޅަށް ކުރެވުނު ބަޣާވާތުގައި ދެކުނުގެ ތިން އަތޮޅު ހިމެނޭގޮތަށް "ޔުނައިޓެޑް ސުވަދީބް އައިލެންޑްސް" ގެ ނަމުގައި އައު ދަޢުލަތެއް އުފެއްދިކަން އެކަމުގެ އިސްލީޑަރު ޢަބްދުﷲ އަފީފު ދީދީ އިއުލާންކުރުމާއިއެކު އެހަރަކާތް ހުއްޓަވައިލެއްވީ ވެސް ހަމަ އެމަނިކުފާނު އިސްކޮށް ހުންނަވައިގެންނެވެ.

އިބްރާހިމް ނާޞިރުގެ ހިކުމަތްތެރިކަމުގެ ދަށުން އެއްވެސް ލޭ އޮހޮރުވުމަކާއި ނުލާ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. އެއީ މިއަދު މިފާހަގަކުރާ މިނިވަންދުވަހެވެ. އިބްރާހީމް ނާޞިރު އާދައިގެ މަގާމަކުން ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވި ނަމަވެސް، އެމަނިކުފާނު ވަނީ ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ މަގާމްވެސް ފުރުއްވާފައެވެ. ނާސިރަކީ ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރެއްވި 2 ވަނަ ރައީސް އެވެ. ފުރަތަމަ ޖުމްހޫރިއްޔަތަކުން ރަސްކަމަކަށް ބަދަލުވުމަށްފަހު ދިވެހިރާއްޖޭގައި އުފެދުނު ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއޭ ކިޔާ މުހާތަބުކުރެވުނީ އިބްރާހީމް ނާސިރަށެވެ. ދެކުނު 3 އަތޮޅުގެ ހިލުނު ހާޖާނު މައިތިރިކޮށް ނާސިރު މަސައްކަތްކުރެއްވީ ރާއްޖެއަށް މިނިވަންކަން ހޯދައި ދިނުމަށެވެ. ވަކިވެ ގަތުމަކީ ނިކަމެތިކަމެއްކަން ދިވެހީންނަށް ހަދާން ކޮށްދެއްވަމުންނެވެ. މިގޮތުން ކޮޅުބުގައި ހުންނަ އިގިރޭސި ސަފީރުގެ އަރިހަށް ރާއްޖޭގެ ވަފުދުތައް ފޮނުއްވި އެވެ. 15 ނޮވެމްބަރު 1967 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދިވެހިރާއްޖެގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމެއްތޯ ބެލުމަށް ބިލެއް މަޖިލީހަށް ހުށަހެޅުނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 40 މެންބަރުންނަށް ފެނުނީ ރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރީ ވެރިކަމެއް ކަމަށެވެ. މިވޯޓްގެ ނަތީޖާއަށްފަހު 11 ނޮވެމްބަރު 1968 ގައި ދިވެހި ޖުމުހޫރިއްޔާ އިއުލާންކޮށް، އެރޭ އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ކެބިނެޓް އިއުލާންކޮށް ރައީސުލް ޖުމްހޫރިއްޔާގެ ކަމުގެ ހުވާ އިބްރާހީމް ނާސިރު ކުރެއްވި އެވެ.

ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯއްދެވުން މިއަދު މިދެކޭ މިނިވަންކަމުގެ ހަގީގީ ބާނީ އަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާސިރެވެ. ދިވެހި ގައުމަށް 1965 ގެ މިނިވަންކަން ލިބިފައިވަނީ ނާސިރު ކުރެއްވި ބުރަ މަސަތްކަތްޕުޅުންނެވެ. މިނިވަންކަމުގެ އުފާވެރި ހިނިތުންވުން ތަކުގައި މިއަދު ރާއްޖެ އޮތް ނަމަވެސް އެ މިނިވަންކަން ހޯއްދެވުމަށް ނާސިރު މަސައްކަތްޕުޅު ކުރެއްވީ ވަރަށް ގޮތްދޫ ނުކުރައްވާ ސިޔާސަތެއްގައެވެ. އެއް މިސާލެވެ. ނާސިރުގެ ބޮޑުވަޒީރުކަމުގައި، އިނގިރޭސިންނަށް އައްޑޫ ދިނުމުގެ އެއްބަސްވުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ އެއްބަސްވުން ގަބޫލު ނުކުރުމަށް، އިނގިރޭސި ހައި ކޮމިޝަނަރު އެލެގްޒެންޑަ މޯލީ ވެސް އަޑުއައްސަވަން އިންނެވި މަޖިލީހެއްގައި ފާސްކުރުމުން އިނގިރޭސިންނަށް ގޮތް ހުސްވާ ހިސާބަށް ގެންދިޔަ އެވެ. އެއީ މާޗް 2، 1958 ގަ އެވެ. 

އިނގިރޭސި ދައުލަތާއި ދިވެހި ސަރުރާކާރާ ދެމެދު ދެކެވުނު މިނިވަންކަމުގެ ވާހަކަ ތަކުގެ މެދުވެރި އަކަށް އުޅުއްވި ނިޝާން އިއްޒުންދީނުގެ އިއްޒަތުގެ ވެރިޔާ މަރްހޫމް އަބުދުއްސައްތާރު މޫސާދީދީ ވިދާޅުވެފައިވަނީ "ނާޞިރު އެދުވަސްވަރު އެވަރުން މަސައްކަތް ނުކުރެއްވި ނަމަ 1965 ގެ މިނިވަން ކަމެއް އެހާއަވަހަކަށް ރާއްޖެއަކަށް ނުލިބުނީސް" ކަމަށެވެ. 



ދިވެހި ތަޢުލީމީ ޒުވާނުންތަކެއްގެ ހިތުގައި އިނގިރޭސީންގެ ހިމާޔަތާމެދު އުފެދުނު އުންމީދީ އާ ވިސްނުމުގެ ސަބަބުން އިނގިރޭސީންގެ ހިމާޔަތުންވަކިވެ މިނިވަން ގައުމަކަށްވުމުގެ ހަރަކާތްތައް ސިއްރާ ފާޅުގައި ފެށިގެން ދިޔައެވެ. އިބްރާހީމް ނާސިރު އިސްވެ ހުންނަވައިގެން ރަސްމީ ގޮތެއްގައި ފެއްޓެވި މި މަސައްކަތުގެ ނަތީޖާއަކަށްވީ ދިވެހި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުމެވެ.

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެންދިޔައީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ. ސިލޯނުގެ ކޮޅުބުގައި ހުންނަ އިނގިރޭސި ހައިކޮމިޝަނުގައި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ރާއްޖޭ ގަޑިން ހެނދުނު 10:00 ގައެވެ. ތާރީހީ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހި ދައުލަތުގެ (އޭރުގެ) ވަޒީރުލްއަޢުޡަމް ޞާޙިބުއްދައުލާ -- ބޮޑުވަޒީރު -- އިބްރާޙިމް ނާސިރުއެވެ. އިނގިރޭސި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިލޯނުގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނާ ސާ މައިކަލް ވޯކަރއެވެ.

ނޮވެމްބަރ 3 ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުފަހުން މި މިނިވަންކަން ދިވެހިންގެ އަތުން ބީވެގެންދާންޖެހޭފަދަ ނުރައްކާތެރި އުދުވާނީ ހަމަލާއެއް އައީ އެންމެ ފަހަރެއްގައެވެ. އެ ދުވަހަކީ ދިވެހީންގެ ހިތުން ނުފޮހެވޭނެ މަޝްހޫރު "ބަޑި ބުރާސްފަތި" އެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވީ ބުރާސްފަތިދުވަހުގެ ފަތިހު، ސްރީލަންކާގެ ތަމަޅަ ޓެރަރިސްޓް ޖަމަޢާތަކާއި ދިވެހި ޚާއިނުންގެ ބަޔަކު ގުޅިގެން ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ސިފައިންގެ ހިފުމަށްޓަކައި ހަމަލާތަށް ދެމުންދިޔައެވެ.

މުޅި ދިވެހިރާއްޖެ އަނެއްކާވެސް ބިރުވެރިކަމެއްގެ ތެރެއަށް ހުށަހެޅިގެންދިޔައެވެ. ދެން ދުވަހަކުވެސް އަޅުވެތިކަމުގެ ހިތި ރަހަ ދެކެންނުޖެހޭނެކަމަށް ނިންމައިގެންތިބި އެތައް ދިވެހިންނެއްގެ ލޯތައް ކަރުނައިން ތެންމަމުންނެވެ. އެދުވަހު ދީނާއި ޤައުމުގެ ދިފާޢުގައި ދިވެހި ދަރިޔަކު ޖިހާދުނުކުރެއްވިނަމަ މިއަދު ދިވެހިންވީހީ އަޅުވެތިކަމުގެ ހިތި ރަހަ ދެކެންޖެހިފަވާ ބަޔަކަށެވެ. ނަމަވެސް ހދ. ކުޅުދުއްފުށީ މާވާގޭ ކޯޕްރަލް ހުސައިން އާދަމްވަނީ ބާޣީންނާއި ދެކޮޅަށް އަމިއްލަ ނަފުސު ކުރިމަތިލައްވާ ގެއްލެމުންދިޔަ ދިވެހި ޤައުމުގެ މިނިވަންކަން ދަމަހައްޓަވާފައެވެ. ޤައުމާއި ދީނަށްޓަކައި ޝަހީދުވެވަޑައިގެންފައެވެ. ދިވެހިންނަށް ނަސްރު ހޯއްދަވައިދެއްވުމަށްފަހުއެވެ. ދިވެހިން ނަސްރުގެ ދުވަސް ފާހަގަކުރަނީ އެދުވަހުގެ ހަދާން މިއަދަށް ވެސް އާކުރުމުގެ ގޮތުންނެވެ.

ދިވެހިރާއްޖޭގެ ދިގު ތާރީހަށް ނަޒަރުހިންގައިލާފިނަމަ ފެނިގެންދަނީ އަޑިގުޑަން ނުހަނު ގިނަ ދުވަސްތަކެކެވެ. ހިތްދަތި ދުވަސްތަކެކެވެ. ނަމަވެސް މި އަޑިގުޑަންތަކުން ސަލާމަތްވެ ޤައުމު މިނިވަންކަންމަތީ މިއަދާ ހަމައަށްވެސް އޮތުމުގެ ސިއްރަކީ ޤައުމަށް އުފަންވި ހަރުދަނާ ލީޑަރުންގެ ހިތްވަރުގަދަކަމާއި ޖެހިލުންކުޑަކަން ކަން ޔަޤީނެވެ. ޕޯޗުގީޒުންނާއި ހޮޅީންގެ އަނިޔާވެރިކަމުގެ ދަށުގައިވެސް އެތަކެއް ދުވަހަކު ރާއްޖެއޮވެ، އަދި އިނގިރޭސިންގެ ހިމާޔަތުގައިވެސް އެތައް ދުވަހެއް ހޭދަކޮށް އަމިއްލަ މިނިވަން ޤައުމެއްގެ ގޮތުގައި ދިވެހިން މިއަދު މި މުނާސަބު ކުރަނީ ދިވެހިރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލާއި ސިޔާދަތުގައި ކުޑަކުޑަ ކޫރެއް އެޅެންޏާ ވެސް އަޅުގަނޑުމެން އެ ފުރުސަތެއް ނުދޭން، ފަހު ވަޒަނާ ހަމައަށް، ނުވަތަ އެންމެ ފަހު މީހާއާ ހަމައަށް ހަނގުރާމަކުރާން ކާބަފައިން ފެއްޓެވި އިންނެންގެވުމުން ނެވެ.

މިނިވަންކަމަށް 58 އަހަރު ފުރެނީއެވެ. ދިވެހިން ތާއަބަދުމެ ފިކުރާވެ ތިބި އެބައިމީހުންގެ މިނިވަންކަން، ދެމެހެއްޓޭނީ ގަދައަޅާ މަސައްކަތްކޮށްގެން ނެވެ. ޤައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްތޯ ސުވާލުކުރުން ދޫކޮށްލާފަ، ތިމާއަށް މި ޤައުމަށް ކޮށްދެވޭނެ ކަންކަމާމެދު ވިސްނާށެވެ. ޤައުމަށް ވަގުތު ހުސްކޮށްދޭށެވެ. ޤައުމާއިމެދު ހިޔާލު ބަދަލުކުރާށެވެ. މިނިވަންކަމަކީ ދަތުރެކެވެ. ގަދަ ފަދަ ކަނޑެއްގައި، އޮޔާއި ވަޔާ ދެކޮޅަށް، ވެހޭ ވާރެއާއި ޖަހާ ގުގުރިއާއި ވިދާ ވިދުވަރުގެ ތެރޭގައި ކުރާން ޖެހޭ ދަތުރެކެވެ. ދުނިޔޭގެ އަރި-ހުރަހަށް ހިނގާ ތަފާތު ފިކުރީ އޮއިވަރުން ނެއްޓި މިނިވަން މުސްތަގިއްލު އަމިއްލަ ވެރިކަމެއްގައި ދެމިތިބުން އެއީ ދިވެހިން ރުހޭ ގޮތް ކަމަށް ހެކިވާށެވެ. އަޅުވެތިކަމުގެ ހިލިހިލާތަކެއްގެ ކަސްތޮޅުގައި ތިބޭ ބަޔަކަށް ނުވެ މިނިވަންކަމުގެ ދަތުރުގައި ސިޔާސީ ގޮތުން "ސިޔާސަ" ނުވެ ކުރިއަށް ހިންގަވާށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް