ads
ޖައިލަމްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން ދަށު ކޯޓުގައި
ޖައިލަމްގެ މަރުގެ މައްސަލައިގެ އިސްތިއުނާފު އާދިއްތަ ދުވަހު
މީގެ އަށް އަހަރު ކުރިން މާލޭގައި މަރާލި ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ، ސަލާމަތްވި ތިން މީހުންގެ އިސްތިއުނާފު މައްސަލަ އަންނަ ހަފްތާގައި ފަށަން ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ދަރުބާރުގެ ކައިރިން ތޫނު އެއްޗެހިން ހަމަލާދީ 2015 ވަނަ އަހަރު ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ ސ. ފޭދޫ ވީނަސްވިލާ ނަސީބު ސައީދާއި ވ. ސިނަމާލެ އިސްމާއިލް އަނީގާއި ޏ. ފުވައްމުލަކު ޖަމްނާ، އަލީ އިރުފާންގެ އިތުރުން ގއ. ވިލިނގިލީ ފިޔަޖަހާގޭ މުހައްމަދު ހުމައިދުގެ މައްޗަށެވެ. މި ތިން މީހުންގެ މައްޗަށް ކުށް ސާބިރު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމީ މިދިޔަ މާޗް މަހު އެވެ.

މި މައްސަލައިގައި ހަތް އަހަރަށް ދިގުލައިގެން ދިޔަ ޝަރީއަތަށްފަހު ކްރިމިނަލް ކޯޓުން ނިންމީ ހަމަލާދިން މަންޒަރު ފެނުނު ކަމަށް ބުނީ އެންމެ ހެކިވެރިއަކު ކަމަށް ވެފައި، އޭނާ ހުރީ މަސްތުވެގެން ކަމަށް ކޯޓަށް ފަހުން ސިޓީއަކުން އަންގާފައިވާތީ އޭނާގެ ހެކި ބަހަށް ބުރަދަން ނުދެވޭނެ ކަމަށެވެ. އެ މައްސަލާގައި 16 ހެކިވެރިއަކު ހުށަހެޅިޔަސް، 11 މީހަކު ކޯޓަށް ހާޒިރެއް ނުވި އެވެ. ހާޒިރުވި މީހުންނަށް ވެސް ހަމަލާދިން މަންޒަރެއް ނުފެންނަ ކަމަށް ބުނެފައިވެ އެވެ.

މި މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދާނީ ތިން ފަނޑިޔާރުގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ. ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް