ads
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ނިންމާފައި - ފޮޓޯ:އެމްޓީސީސީ
އެމްޓީސީސީން އިހަވަންދޫގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކުން ބިން ހިއްކާ ނިންމައިފި
ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ހުރިހާ ބޮޑުހިލަތަކެއް ސައިޓަށް ގެންދެވި އަންލޯޑް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު، މުޅި ޕްރޮޖެކްޓްގެ 75 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީން ކުރިއަށް ގެންގޮސްފައިވަނީ އެ މަސައްކަތް ހުއްޓިފައި އޮންނަތާ އަހަރު ދުވަސް ފަހުންނެވެ. އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ފުރަތަމަ ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ގާތްގަނޑަކަށް އަށް ހެކްޓަރުގެ ބިން ހިއްކާ ނިމުނުފަހުން ޑްރެޖަރު ހަލާކުވުމާ ގުޅިގެން މަރާމާތު ކުރުމަށް ވަނީ ގެންގޮސްފައެވެ.

އިހަވަންދޫގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހު އެމްޓީސީސީން ޗާޓަރުކޮށްގެން ގެނައި ބެލްޖިއަމްގެ ކުންފުންޏެއްގެ ޑްރެޖަރެއް ކަމަށްވާ "ފިލިޕޯ ބްރުނެލެޝީ" އިންނެވެ.

އެ ޑްރެޖަރުގެ ފުޅާމިނުގައި 27.5 މީޓަރު (90 ފޫޓު) އަދި ދިގުމިނުގައި 142.5 މީޓަރު (467 ފޫޓު) ހުންނައިރު، 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ (އެއްފަހަރާ ލޯޑުކުރުމުގެ ގާބިލުކަން) ލިބިފައިވެއެވެ.

އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން އެންމެ އަވަސް ޑްރެޖަރު، މަހާ ޖައްރާފުން ހިއްކެނީ ތިން ދުވަހުން ހެކްޓަރެއް ނަމަވެސް "ފިލިޕޯ ބްރުނެލެޝީ" އިން އެއް ދުވަހުގެ ތެރޭގައި އެއް ހެކްޓަރުގެ ބިން ހިއްކެއެވެ.

your imageއެމްޓީސީސީން އިހަވަންދޫ ބިން ހިއްކާ ނިންމުން - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީއަށް ގެނައި ޑްރެޖަރާ ގުޅޭގޮތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވީ އާ ޑްރެޖަރެއް ގެނައުމަށް ނިންމާފައިވަނީ ކުންފުނީގެ މައި ޑްރެޖަރު، "މަހާޖައްރާފު" ގެ ޑައިނަމޯ ހަލާކުވެފައިވާތީ ކަމަށެވެ. މަހާޖައްރާފުގެ ޑައިނަމޯ ހެދުމުގެ މަސައްކަތް އެ އުޅަނދު ބަން ކުންފުނިން ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީއަށް ޑްރެޖަރެއް ޗާޓަރުކޮށްގެން ގެނެސްފައިވަނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ކަމަށާއި ޑްރެޖަރު ގެނައީ ހަ މަސްދުވަހުގެ މުއްދަތަކަށް ކަމަށެވެ.

އެމްޓީސީސީން ބުނެފައިވަނީ ށ. ކޮމަންޑޫގެ ބިން ހިއްކުމަށްޓަކައި "ފިލިޕޯ ބްރުނެލެޝީ" މިއަދު މޮބިލައިޒްކުރެވޭނެ ކަމަށެވެ. ކޮމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަކީ 116.94 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ.

"ފިލިޕޯ ބްރުނެލެޝީ" އިން އިހަވަންދޫ އާއެކު ނުވަ ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ށ. ކޮމަންޑު އާއި ރ. އުނގޫފާރާއި ކ. ދިއްފުއްޓާއި އެ އަތޮޅު ގުޅި އާއި އއ. އުކުޅަހާއި އެ އަތޮޅު ބޮޑުފުޅަދޫ އާއި މ. ދިއްގަރުގެ އިތުރުން ފ. ފީއައްޔެވެ.

މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެ ހުރިހާ ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއުތައް ނިންމުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް