ads
ހެނބަދޫ
ހެނބަދޫ އަކީ އަމާން ރަށެއް، މަސްތުވާތަކެއްޗެއް ނެތް: ކައުންސިލް ރައީސް
ނ.ހެނބަދޫގައި ކުށުގެ ވެށި ވަރަށް ބޮޑަށް އަމާން ކަމަށާއި، ނިސްބަތުން ކުއްކުރާ މީހުން މަދުކަމަށް ހެނބަދޫ ކައުންސިލުން ބުނެފި އެވެ.

"ސީއެންއެމް" އިން ކޮންމެ ދުވަހަކު ގެނެސްދޭ "ރަށު ހަބަރު" ޕްރޮގްރާމުގެ ތެރެއިން މިއަދުގެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހެނބަދޫ ކައުންސިލްގެ ރައީސް ހުސެއިން އަބޫބަކުރު ވިދާޅުވީ އެރަށުގައި އުޅެނީ ވަރަށް އެކުވެރި އެއްބައިވަންތަ ރައްޔިތުންތަކެއް ކަމަށެވެ. 

ރާއްޖޭގައި ކުއްކުރުމުގެ ހާލަތު އިތުރުވެ ކުށަށް އަރައިގަންނަ ޒުވާނުންވެސް ގިނަ ކަން ފާހަގަކުރައްވަމުން އަބޫބަކުރު ވިދާޅުވީ ހެނބަދޫގައި ކުއްކުރާ މީހުން އުޅޭ މިންވަރު ނުވެސް ނެތް ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ޝައްކެއް ކުރެވެނީވެސް ހަމަ އެކަނި ދެ ޒުވާނަކަށް ކަމަށް ފާހަގަ ކުރެއްވި އެވެ. 

"މުޅި ރާއްޖޭގައި މިދަނީ ކުށުގެ ވެށީގައި ޒުވާނުން ބަންދުވެ މަސްތުވާ ތަކެތީގެ ވަބާ ފޯރަމުން ދެއްތޯ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާނީ ހެނބަދޫ އަކީ ކުށްކުރާ މިންވަރު ނުވެސް ނެތް ރަށެކޭ. މަސްތުވާ ތަކެއްޗަށް ހަމަ އެކަނި ޝައްކުކުރެވޭވެސް މި އުޅެނީ އެންމެ ދެ ޒުވާނެ. އަޅުގަނޑުމެންގެ މި މުޖުތަމައާ މި ރަށް އަޅުގަނޑުމެން ރަގަޅުކުރާނަން." ހެނބަދޫގެ ރަށްޔިތުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އަބޫބަކުރު ވިދާޅުވި އެވެ.

އަބޫބަކުރު ވިދާޅުވީ ރާއްޖޭގެ މިވަގުތު އޮތް ސިޔާސީ ހަލަބޮލި ކަމާއެކު އޮތް ހިޔާލު ތަފާތުވުންތައްވެސް ހެނބަދޫގައި މަދު ކަމަށެވެ. 

އެގޮތުން ޖުމްލަކޮށް ހެނބަދޫގައި އޮތީ މި ސަރުކާރުގެ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ސަޕޯޓަރުން ކަމަށެވެ. އެހެން ކަމުން ސިޔާސީ ހިޔާލުތަފާތުވުންތަކެއްވެސް ހެނބަދޫގަިއ މާބޮޑަށް ނެތް ކަމަށެވެ. 

"އަޅުގަނޑުމެން ރަށަށް ރައީސް ސޯލިޙް ވަރަށް ގިނަ ކަންކަން ކޮށްދެއްވައިފި އިނގޭތޯ. އެހެންވީމާ ސިޔާސީ ހިޔާލު ތަފާތުވުން ތަކެއްވެސް މާ ބޮޑަކަށް ނެތް. އަޅުގަނޑުމެންގެ މި ކުޑަ އާބާދީގެ ފުލް ސަޕޯޓް މިއަދު އޮތީ މި ސަރުކާރަށް." އަބޫބަކުރު ވިދާޅުވި އެވެ.

ހެނބަދޫ އަކީ އާބާދީގައި ގާތްގަނޑަކަށް 800 އެއްހައި މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.

57%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް