ads
ރައީސުލް ޖުމްހޫރިއްޔާގެ ދެ ކަނބަލުން
"މިނިވަން އުފާ" ކާނިވާ ރައީސް ހުޅުއްވައި ދެއްވައިފި
ދިވެހިރާއްޖޭގެ މިނިވަންކަމަށް 58 އަހަރު ފުރޭ 59ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ، "މިނިވަން އުފާ" ކާނިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިރޭ ހުޅުއްވައި ދެއްވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން މިރޭ ބުނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން ކުރިޔަށް ގެންދާ މި ކާނިވާ ކުރިޔަށްދާނީ، މިރެއިން ފެށިގެން، އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ރޭއާހަމައަށް ކަމަށެވެ.
ކާނިވާ ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާ، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ހުޅުމާލެ ސެންޓްރަލް ޕާކަށް ވަޑައިގެންނެވުމުން އެދެކަނބަލުންނަށް އިސްތިޤުބާލްކުރެއްވީ، މިނިސްޓާ އޮފް ހޯމްއެފެއާޒް އައްޝައިހް އިމްރާން އަބްދުﷲގެ ދެކަނބަލުންނެވެ.

މިނިވަން އުފާ ކާނިވާ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި، ވަޒީރުންނާއި ކުންފުނިތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ބައިވެރިވިއެވެ.

މިނިވަން އުފާ ކާނިވާ ހުޅުއްވައި ދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ކާނިވާގެ ސްޓޯލްތަކާއި ކުޅިވަރުތައް ބައްލަވާލައްވާފައެވެ. މިގޮތުން، ސްޓޭޖް ހަރަކާތްތަކާއި، ޑްރޯން ޝޯ އަދި ހަވާގެ ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ކުރިޔަށް ގެންދާ މިކާނިވަލަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި އާބަންކޯ ގުޅިގެން، ދިރާގާއި އުރީދޫގެ އިތުރުން އެސްޓީއޯއާ ސްޓެލްކޯއާ އަދި އެމްޑަބްލިޔުއެސްސީގެ އެހީތެރިކަމާއި އެކު ކުރިޔަށް ގެންދާ ކާނިވަލެއްކަމަށް އެ އޮފީހުން ބުނެއެވެ. 

"މިކާނިވަލުގެ ފުރަތަމަ ރެއަށް ޚާއްސަކޮށްގެން ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ޑްރޯން ޝޯ އަދި ހަވާއެރުވުން ހިމެނެ،" - ރައީސް އޮފީސް-


ދިވެހިރާއްޖޭގެ މިނިވަންދުވަސް މިއަހަރު ކުލަގަދަ ގޮތެއްގައި ފާހަގަކުރާއިރު މިއަހަރަކީ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 58 އަހަރު ފުރުނު އަހަރެވެ. ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް