ads
ހުމާމް
ހުމާމް މަރަން ކުރި ހުކުމް ރިވިއު ނުކުރެވޭނެ: ސުޕްރީމް ކޯޓު
ރައްޔިތުންގެ މަޖުލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީއަށް ހަމަލަދީ މަރާލިކަމުގެ ކުށް، ސާބިތުވެ، ހ. ލޮބީ ހުސައިން ހުމާމް އަހްމަދު މަރަން ކޮށްފައިވާ ހުކުމް ރިވިއުކޮށް ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމައިފިއެވެ.
Advertisement

ޑރ. އަފްރާޝީމްގެ ގާތިލު ހުމާމް، އޭނާ މަރަން ކުރި ހުކުމް އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އޭޕްރީލް ފަހުކޮޅު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި މައްސަލަ ރިވިއު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވީ މިދިޔަ ހަފްތާގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޑރ. އަފްރާޝީމް އަލީއަށް ހަމަލަދީ މަރާލިކަމުގެ ކުށް، ސާބިތުވެ، ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އެ މައްސަލަ ހަމަ އެ އަހަރު ހުމާމުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންވަނީ ހުމާމް މެރުމަށް ކުރި ހުކުމަށް ތާއީދުކޮށްފައެވެ. ދެން އެ މައްސަލަ ދިޔައީ ސުޕްރީމް ކޯޓަށެވެ.

ހުމާމުގެ މައްޗަށް މަރުގެ ދައުވާ އުފުލުމުން ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ކުރިއަށްދިޔައިރު އަފްރާޝީމް އަލީ މަރާލި ކަމަށް އޭނާ ޝަރީއަތުގައި އިއުތިރާފްވި އެވެ. ނަމަވެސް އޭގެ ފަހުން ބޭއްވުނު ޝަރީއަތްތަކުގައި ހުމާމް ބުނަމުން ގެންދިޔައީ އަފްރާޝީމް މަރާލުމުގައި އޭނާ ބައިވެރިވި ކަމަށް ބުނީ ފުލުހުން ބިރު ދެއްކުމުން ކަމަށެވެ. އަދި ފަހުން ހުމާމް ބުނަމުން ގެންދިޔައީ ޑރ. އަފްރާޝިމް މަރާލުމުގައި އޭނާ ބައިވެރިނުވާ ކަމަށެވެ.

ގަސްތު މަރުގެ މައްސަލައެއް ކަމުން، އަދި ހުކުމަކީ ކުށް ސާބިތުވި ހުމާމް މެރުންކަމުން، އެ ހުކުމަކީ ނިހާއީ ހުކުމެއް ކަމުގައި ކަނޑައެޅުމަށް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ މައްސަލަ އުއްތަމަ ފަނޑިޔާރުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ. އޭރުއްސުރެ ހުމާމް ހުރީ ޖަލުގައެވެ.

ހުމާމް މެރުމަށް ހުކުމްކޮށްފައިވަނީ ޑރ. އަފްރާޝީމް އަލީއަށް ހަމަލާ ދިނުމަށް ރާވައި، 01 އޮކްޓޯބަރ 2012 ދުވަހުގެ 23:30 އާއި 02 އޮކްޓޯބަރ 2012 ދުވަހުގެ 02:00 އާ ދެމެދުގެ ވަގުތެއްގައި، ހުމާމުއާ އިތުރު ބަޔަކާއެކު، އަމީނީ މަގުގައި ހުންނަ ޑރ. އަފްރާޝީމް އޭރު ދިރިއުޅުއްވި ގެ ހ. ފުންވިލުގެއަށްގޮސް ޑރ. އަފްރާޝީމަށް ތޫނު އެއްޗަކުން ހަމަލަދީ ރަހުމް ކުޑަ ގޮތަކަށް މަރާލާފައިވާ މައްސަލައާ ގުޅިގެންނެވެ.

ހުމާމުގެ މައްޗަށް ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމުގައިވަނީ ޙުސައިން ހުމާމް ތޫނު އެއްޗަކުން ޑރ. އަފްރާޝީމް އަލީއަށް ހަމަލަދީ، ޑރ. އަފްރާޝީމް އަލީ ގަސްދުގައި މަރާލާފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީ، ހުމާމް، ގަސްދުގައި މީހަކު މަރާލުމުގެ ކުށުން ކުށްވެރިވާ ކަމަށާއި، އެ ކުށުގެ އުގޫބާތެއްގެ ގޮތުން ހުމާމް މެރުމަށް ހުކުމް ކުރާކަމަށެވެ.

އަފްރާޝީމްގެ މަރުގެ މައްސަލައަކީ އެހާތަނަށް ފުލުހުން ހިންގި އެންމެ ބޮޑު އެއް ތަހުގީގެވެ. އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ބާވަތުގެ ހެއްކާއި ގަރީނާ ހޯދާފައެވެ. އަދި 500 އަށްވުރެ ގިނަ ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް ފުލުހުން ދިރާސާ ކޮށްފައިވެއެވެ. އަދި 100 އަށްވުރެ ގިނަ މީހުންނާއި ސުވާލުކޮށް މައުލޫމާތު ހޯދާފައި ވެއެވެ.

އޭގެ އިތުރުން 13000 ވުރެ ގިނަ ފޯނުކޯލް އެ މައްސަލައިގައި ފުލުހުން އެނަލައިޒް ކޮށްފައިވެއެވެ. އަދި ކުށުގެ ވެށިން މާއްދީ ހެކިނަގައި އެތަކެތި ތަހުލީލުކޮށް، ޝަރީއަތަށް ހުށަހެޅުމަށް އެތައް މަސައްކަތެއް ފުލުހުން ކުރިއެވެ. އެ މައްސަލައިގެ ތަހުގީގުގައި އެމެރިކާގެ އެފް. ބީ. އައިގެ ދެ ތަޖުރިބާކާރުންގެ އެހީތެރިކަން ފުލުހުން ހޯދާފައިވެއެވެ.

ހުމާމް މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރީ ސަރުކާރުން ނިންމާފައިވާ ނިންމުން އަލުން މުރާޖާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވަނީ ކުރިން ހުށަހަޅުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް