މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ ހުސައިން ގެންދަ ވަނީ ރިޔާސީ އިންތިހާބުގެ ތ އަދި ލ އަތޮޅުގެ ކެމްޕެއިން ކޯޑިނޭޓާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސައީދު އާއި އެކު ދަތުރުގައި ބައިވެރިވަމުންނެވެ.
މި ދަތުރު ފަށާފައިވަނީ ތ އަތޮޅު ބުރުނީންނެވެ. ޑރ ހުސެއިން މިވަގުތާއި ހަމަޔަށް ވެސް ހުންނެވި ޖޭޕީގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައެވެ.
މިކަމާއި ގުޅިގެން ސީއެންއެމް އިން ޑރ ހުސެއިން އަށް ގުޅާލުމުން ފޯނަށް ޖަވާބެއް ނުދެއްވާތީ އިތުރު މައުލޫމާތު ސާފުވާ ގޮތެއްނުވިއެވެ.
އެހެންނަމަވެސް ޖޭޕީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވި ޑރ ހުސެއިން އެމްޑީޕީގެ ކެމްޕެއިން ޓީމާއިއެކު މަސައްކަތް ކުރައްވަމުން ގެންދަވާކަން އެނގިފައިވާ ނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޖޭޕީއާއި ޑިމޮކްރެޓްސް އާއިއެކު ބޭއްވުނު އެކިއެކި މަޝްވަރާ ބައްދަލުވުންތަކުގައި ޑރ ހުސައިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެހެންނަމަވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެމްޕެއިންގައި ޑރ ހުސެއިން އުޅުއްވާތަނެއް އަދި ނުފެނެއެވެ.
ރިޔާސީ އިންތިހާބަށް ޕާޓީތަކުން ރަސްމީކޮށް ފޯރީގައި މިހާރު ދަނީ ކެމްޕެއިން ކުރައްވަމުންނެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވަނީ ކެންޑިޑެންސީ ފޯމް އީސީއަށް މިއަދު ހުށައަޅުއްވާފައެވެ. އެހެންނަމަވެސް އީސީން ވަނީ ރައީސް ޔާމީންގެ ކެންޑިޑެންސީ ބަލައި ނުގަނެ އަނބުރާ ފޮނުވާލާފައެވެ.