އެ އެއާލައިން އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ކޮވިޑް-19 ގެ ސަބަބުން އެއާލައިންއަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެއާލައިންގެ ދަތުރުތަކަށް ބަދަލު ގެނެސް ބައެއް ސަރަހައްދުތަކަށް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލަން ނިންމާފައިވާކަމުގައެވެ.
މަންޓާ އިން ބުނީ ކޮވިޑް-19 އިން ރައކާތެރިވުމުގެ ގޮތުން، ދަތުރުފަތުރު ކުރުމުގެ ގިނަ ރެސްޓްރިކްޝަންތަކެއް އަޅާފައި ވުމުން އެތެރޭގެ އުދުހުން ތަކުގެ ޑިމާންޑް ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމުގައެވެ. ގިނަ އަދަދެއްގެ ބުކިން ތައް ކެންސަލްވެފައިވާ ކަން ފާހަގަކޮށް އެ އެއާލައިން އިން ބުނީ މިކަމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ގިނަ ގެއްލުންތަކެއް ވަމުން އަންނަ ކަމުގައެވެ.
މަންޓާގެ ބަޔާނުގައި ބުނެފައި ވަނީ، އެ އެއާލައިނުން ދަރަވަންދޫ އެއާޕޯޓަށް އަދި ދާލު އެއާޕޯޓަށް ކުރަމުން އަންނަ ދަތުރުތައް މިހާރުން ފެށިގެން މަދު ކުރެވިފައިވާކަމަށާއި މާޗް މަހުގެ 29 ވަނަ ދުވަހުން ފެށިގެން ކޫއްޑުއަށް ކުރަމުންދާ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާނެކަމުގައެވެ.
މަންޓާއިން ވަނީ މި ދުވަސްކޮޅު އެ އެއާލައިން މެދުވެރިކޮށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން ދަތުރުތައް ޝެޑިއުލްކުރެވިފައިވާ ގޮތް މަންޓާގެ ވެބްސައިޓު މެދުވެރިކޮށް ބެލުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި، ގައުމުތަކުން ޓްރެވަލް ރެސްޓްރިކްޝަންތައް އަޅަންފެށުމުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވާ އެއް ބަޔަކީ އެއާލައިން ކުންފުނިތަކެވެ. ގިނަ އެއާލައިން ތަކަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދާއިރު އެ ކުންފުނިތަކަށް ލިބޭ އާމްދަނީ ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވި، މި ހާލަތު ދެމިގެން ގޮސްފިނަމަ، މި އަހަރުގެ ތެރޭގައި އެއަލައިން އިންޑަސްޓްރީއަށް 113 ބިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް އިންޓަރނޭޝަނަލް އެއަ ޓްރާންސްޕޯޓް އެސޯސިއޭޝަނުން (އަޔާޓާ) އިން ވަނީ އަންދާޒާކޮށްފައެވެ.