ހއ އަތޮޅުގެ އެންމެ ފުރަތަަމަ ރައީސް ވަޑައިގެންނެވި ރަށަކީ އެއަތޮޅު ބާރަށެވެ.
ބާރަށު ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ދައުރެއްގައި ރާއްޖޭގެ ރަށްތަކުގައި ލޯކަލް ޓޫރިޒަމް ތަރައްގީ ކުރުމަށް ގެސްޓްހައުސްތައް ހެދުމަށް ފަންޑެއް ހުޅުއްވާލައްވާނެ ކަމަށާއި ބާރަށަކީ ރަށު ފަތުރުވެރިކަމަށް އެންމެ ރަނގަޅު އެއް ރަށް ކަމަށާއި ބޮޑުތިލަދުންމައްޗަށް މި ސަރުކާރުން ގެންނަ ބަދަލާއެކު އެފަދަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ބާރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރީ ސަރުކާރުން އެ ރަށުގައި ފެށި ނަރުދަމާގެ މަސައްްކަތް ހުއްޓިފައި އޮތުންކަން ފާހަގަކުރައްވައި އެކަން ހައްލުކުުރުމަށް ކުރެވެން ހުރި ކަމެއް ބަލައި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.
އަދި މިހާރު އެ ރަށުގައި ސާފު ބޯފެނުގެ ޚިދުމަތް ދިނުމުގެ މަޝްރޫއު ކުރިއަށްދާއިރު މި ދައުރު ނިމުމުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބާރަށު ސްކޫލުގައި މަލްޓިޕާޕަސް ހޯލަކާއި ސްކޫލް އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް އަންނަ ދައުރުގެ ކުރީކޮޅުގައި ކޮށްދެއްވާނެ ކަމަށާއި އެ ރަށުގެ ރިންގރޯޑާއި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ބާރަށަށް ވަޑައިގެންނެވި އިރު އޮތް ތާއީދަށްވުރެ މިހާރުގެ ތާއީދު ބޮޑުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އޭގެން ވެސް އެނގެނީ ރަށުގެ ރައްޔިތުން ތަރައްގީއާއެކު ކުރިއަށްދާން ބޭނުންވާ މިންވަރު ކަމަށެވެ. އަދި އެގޮތުގައި ތިއްބެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.