ads
ދޯނިފަހަރުން މަސް އައިނަކުން މަސް ބާނަނީ: ކަނޑުފަޅު ނަފާ ލޯނުން އަމިއްލައަށް އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:ޒުވާން މަސްވެރިޔާ
ކަނޑުފަޅު ނަފާ ލޯނުން އަމިއްލައަށް އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމުގެ ފުރުސަތު
ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް އެދުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރި އުޅަނދުފަހަރުގައި ރެފްރިޖެރޭޓަޑް ސީ-ވޯޓާ ސިސްޓަމް (އާރުއެސްޑަބްލިއު ސިސްޓަމް) ނުވަތަ މަސްދޯނިފަހަރުގެ ވަތުގަައި ފެންފިނިކުރާ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް "ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމް" ގެ ދަށުން ލޯނަށް އެދޭ އުޅަނދުފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް ސަޕްލައިކޮށް ހަރުކޮށްދޭ ކުންފުންޏަށް ލޯނު ފައިސާ ދޫކުރާ ގޮތަށް އޮތްއޮތުން ބަދަލުކޮށް، ސީދާ މަސްވެރި އުޅަނދުފަހަރުގެ ވެރިފަރާތުގެ އެކައުންޓަށް ލޯނު ފައިސާ ޖަމާކުރެވޭނެ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އާރުއެސްޑަބްލިއު ސިސްޓަމް އުޅަނދުގެ ވެރިފަރާތުން އަމިއްލައަށް ގެނެސް އުޅަނދުގައި ހަރުކުރުމަށް އެދެމުންދާ ފަރާތްތަކަށް މި ޕްރޮގްރާމުގެ ދަށުން ފައިސާ ހަމަޖެއްސުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމަކީ އެ މިނިސްޓްރީން ލައިސަންސް ނަގައިގެން މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރަށް ބައިވެެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލާފައިވާ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ އެންމެ ގިނަ އަދަދަކީ އުޅަނދަކަށް ފަސްލައްކަ ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި ފައިސާއިން އާރުއެސްޑަބްލިއު ސިސްޓަމް ގަނެ، ސަޕްލައި ކުރުމަށާއި އުޅަނދުގައި ހަރުކުރުމަށް ހިނގާ އެންމެހާ ހަރަދުތަކަށް ބޭނުން ކުރެވޭނެ ކަމަށެވެ. މި ލޯނަކީ ހަ އިންސައްތަ އިންޓްރަސްޓާ އެކު، ހަ އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް އެއްވެސް ރަހުނަކާ ނުލާ ދޫކުރާ ލޯނެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ކަނޑުފަޅު ނަފާ ލޯނު ޕްރޮގްރާމުގެ ދަށުން މަސްވެރި އުޅަނދުފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ލޯނު ދޫކުރުމުގެ ބޭނުމަކީ މަސްވެރިކަމުގެ ފަހި މޫސުމުގައި މަސްވެރި އުޅަނދުފަހަރަށް އައިސް ހޯދުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމުގައެވެ. އޭގެ އިތުރުން އައިސް ހޯދުމަށް ކުރަން ޖެހޭ ހަރަދު ކުޑަކުރުމާއި މަސްވެރިން ބާނާ މަސް ތާޒާކަންމަތީ ގިނަ ވަގުތު ބެހެއްޓޭނެ ވަސީލަތްތައް އުޅަނދުތަކުގައި ގާއިމުކޮށްދީ ކަނޑުމަތީގައި މަސްވެރިކަމުގެ ގިނަ ވަގުތު ހޭދަކުރެވޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ މިިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމަކީ އެ މިނިސްޓްރީ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ހިންގާ ޕްރޮގްރާމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮގްރާމުގެ ދަށުން އުޅަނދުފަހަރުގައި އާރުއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ލޯނު ދިނުމަށް ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ލޯނަށް އެދޭ އުޅަނދުފަހަރުގެ ވެރިފަރާތުން ލޯނަށް އެދޭ އެޕްލިކޭޝަނާ އެކު ކޯޓޭޝަން އެސްޑީއެފްސީއަށް ހުށަހެޅުމުން ލޯނު ފައިސާ ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް