ads
އުމަރު ނަސީރު
އުމަރު ނަސީރުގެ ޝަރުތު ހަމަވޭތަ؟
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުވަނީ، އިންތިހާބަށް އަމިއްލަ ގޮތުން ކުރިމަތިލެއްވުމަށް ބޭނުންވާ ސޮއި ހަމަކޮށްފައެވެ. އެކަން އުމަރު އިއުލާން ކުރައްވާފައިވާއިރު، ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އުމަރު ނަސީރުގެ ޝަރުތު ހަމަވޭތޯ މިއީ ކުރެވިދާނެ ސުވާލެކެވެ.
Advertisement

ރައީސުލް ޖުމްހޫރިއްޔާއަކަށް އިންތިހާބު ކުރާ މީހެއްގައި ހުންނާންވީ ޝަރުތުތައް ކަނޑައަޅާފައިވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގައެވެ. އެ މާއްދާގެ، (ބ) ގައި ބުނެފައިވަނީ، "އަދާކުރަން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، އެ ދަރަނި ޚަލާސްނުކޮށް ހުރި މީހަކު ކަމުގައި ނުވުން" މި ފަދައިންނެވެ.

ދަންނަވަން މިއުޅެނީ އެއްވެސް ހާލެއްގައި އުމަރު ނަސީރުގެ މައްޗަށް ސާބިތުވެފައި އޮތް ދަރަންޏެއް އޮތް ވާހަކައެއް ނޫނެވެ. ޕަބްލިކް ޑޮމައިންތަކުން މިހާރުވެސް ލިބެން ހުރި އާއްމު މައުލޫމާތުތަކުގެ އަލީގައި، ސުވާލެއް މި އުފައްދަނީ އުމަރު ނަސީރުގެ ޝަރުތު ހަމަވޭތޯއެވެ. ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ ނިންމާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުން ޗެލެންޖު ކުރާނީ ސުޕްރީމް ކޯޓުގައެވެ. ނޫސްވެރިން ކުރާނެ ހަމައެކަނި ކަމަކީ އެކަންކަން ރިޕޯޓް ކުރުމެވެ. އެ މަގުން އަޅުގަނޑުވެސް ރިޕޯޓެއް ލިޔެވޭތޯ މަސައްކަތް ކުރަނީއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ހުޅުވާލާފައެވެ. އެ އިއުލާނުގައިވާގޮތުން އަމިއްލަ ގޮތުން ކުރިމަތިލާ މީހެއް ތާއިދު އޮތްކަން ހާމަ ކުރުމުގެ ގޮތުން ހުހަހަޅާ 1،500 މީހުންގެ ސޮޔާއި މައުލޫމާތު ހިމެނޭ ލިޔުމެއް ލާން ޖެހެއެވެ. މި 1500 ސޮއި، އުމަރު ނަސީރުވަނީ ހަމަ ކުރައްވާފައި ކަމަށް ރިޕޯޓްތަކުން އެނގެއެވެ. އެހެންނަމަވެސް ކެންޑިޑޭސީ ފޯމް އަދި މިހާތަނަށް އުމަރު ނަސީރު މި ފަހަރު ހުށަނާޅުއްވައެވެ.

އުމަރު ނަސީރަކީ ރާއްޖޭގެ ޒުވާން، ކާމިޔާބު ވިޔަފާރިވެރިންގެ ތެރޭގައި ގުނާލެވޭނެ ބޭފުޅެކެވެ. އެކަމަކާ ސުވާލު އުފެއްދޭކަށް އޮތް ކަމަކަށް ގަބޫލެއް ނުކުރަމެވެ. އެއީ ޝައްކެއްވެސް ނެތް މިންވަރަށް ޔަގީން ކަމެކެވެ. ވިޔަފާރީގެ މަސްލަހަތު ހިމެނިވަޑައިގަންނަވާ ކަންކަމުގެ ތެރެއިން ރިޔާސީ އިންތިހާބުގެ ޝަރުތާމެދު ސުވާލު އުފެދޭ އުފެދުމަކީ މި ރިޕޯޓުގައި ފާހަގަ ކުރަން މިއުޅޭ ހަމަ އެކަނި ނުކުތާއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން އެނގޭ ގޮތުގައި ޓޫރިސްޓް ސަބްމެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ބޯޑް އޮފް ޑައިރެކްޓަރެއްގެ ގޮތުގައި އަދި، ޝެއާހޯލްޑަރެއްގެ ގޮތުގައި އުމަރު ނަސީރު ހިމެނިވަޑައިގަންނަވައެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއުއަށް ދައުވާ ލިބޭ ގޮތަށް ހައިކޯޓުގައި ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް އިން ދައުވާ އުފުލާފައިވާ ޓެކްސްއާ ބެހޭ މައްސަލައެއް އަލުން ބެލުމަށް ހައިކޯޓުން މިދިޔަ އަހަރުގެ ކުރީކޮޅު ހުކުމްކޮށްފައިވެއެވެ.

އެވެންޓަސް ގްރޫޕް އެލްއެލްސީ ކިޔާ ދުބާއީގެ ކުންފުންޏަކުން، ޓޫރިސްޓް ސަބްމެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް 2021 ވަނަ އަހަރު ކުރި ދައުވާ ގެ ހުކުމް ސިވިލް ކޯޓުން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ މި ދެންނެވި ދުބާއީ ކުންފުންޏަށް، ޓޫރިސްޓް ސަބްމެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 500،000 ޑޮލަރު ދައްކަން ޖެހޭ ކަން ސާބިތުވާ ކަމަށާއި ދެ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާށެވެ. ފައިސާ ދެއްކުމުގެ ބަދަލުގައި އުމަރުގެ ކުންފުނިން މި މައްސަލަ ހިފައިގެން ދިޔައީ ހައިކޯޓަށެވެ. ހައިކޯޓުން މި މައްސަލަ އަދި މިހާތަނަށް ނިމިފައިވާ ކަމަކަށް ހައިކޯޓުގެ ވެބްސައިޓަކުން ނުދައްކައެވެ.

މީގެ އިތުރުން 2021 ވަނަ އަހަރުގެ އޭޕްރީލް މަހު، ގްލޯބަލް ޕޭމަންޓްސް އޭޝިއާ ޕެސިފިކް – ލަންކާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން ޓޫރިސްޓް ސަބްމެރިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދައުވާއެއް ކުރިއެވެ. މި މައްސަލަގެ ހުކުމުގައި ބުނެފައިވަނީ ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސް އިން ކުރިން މި ދެންނެވި ލަންކާ ކުންފުންޏަށް 30،766.50 ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. މި ހުކުމުގައިވާ ފައިސާ ދެއްކުމުގެ ބަދަލުގައިވެސް މި ފަހަރުވެސް ޓޫރިސްޓް ސަބްމެރިންސް މޯލްޑިވްސްއިން ދިޔައީ ހައިކޯޓަށެވެ. މި މައްސަލައިގައި ސިވިލް ކޯޓުން މިދިޔަ އަހަރުގެ މާރިޗު މަހު ކޮށްފައިވާ ހުކުމް، ހައިކޯޓުގެ އަމުރަކުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތަންފީޒު ކުރުން ފަސްކޮށްފައިވެއެވެ.

މި ދަންނަވާލީ މި ވަގުތަށް ފެންނަން ހުރި ބައެއް ކަންކަމުގެ ކުރު ހުލާސާއެކެވެ. ޕެންޝަން ފައިސާގެ ކަންތަކުގައި ކުރިން އުމަރުގެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ހުކުމްގެ ވާހަކައާ އެކަމާ ގުޅިގެން އޭރު ދިމާވި ކަންކަމުގެ ވާހަކަ، އަދި އެ ނޫންވެސް ކުރީގެ ވާހަކަތައް މި ވަގުތު މި ރިޕޯޓުގައި ނުހިމަނަމެވެ. 

ފެށިއިރުވެސް އަޅުގަނޑު ދެންނެވިހެން، އުމަރު ނަސީރުގެ ކެންޑިޑޭސީއާ މެދު އަޅުގަނޑު ގޮތެއް ނިންމަނީކީ ނޫނެވެ. އަޅުގަނޑަކަށް ނުވެސް ނިންމޭނެއެވެ. ކެންޑިޑޭސީއާ މެދު ގޮތެއް ނިންމާނީ އިލެކްޝަންސް ކޮމިޝަނުންނެވެ. ފަހު ބަސް އިއްވާނީ ސުޕްރީމް ކޯޓުންނެވެ. ހަގީގީ މާނާގައި ކަން ނިންމާނީ ދިވެހި ރައްޔިތުންނެވެ.  

89%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް