ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް،
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 14.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން ދާއިރާތަކުން އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް 13.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަހަރު ނިމޭއިރު ދައުލަތަށް 32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.