ބަނޑިދޫގައި އަލަށް އިމާރާތްކުރެވުނު އެ ރަށު ފެނަކަަ އާ އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ބަނޑިދޫގައި އަލަށް ހުޅުވި އޮފީސް އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 29 ވަނަ އޮފީސް އިމާރާތް ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އޮފީސް އިމާރާތަށް 11 އަހަރުވެފައިވާ ކަމަށެވެ.
ބަނޑިދޫގެ އިންޖީނުގޭގެ އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ 100x45 ފޫޓުގެ އޮފީސް އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ.
ފެނަކައިން ބުނި ގޮތުގައި ބަނޑިދޫގައި އަލަށް އިމާރާތްކުރި އޮފީސް އިމާރާތަކީ 49x33 ފޫޓުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ދެ ފާހާނަ އާއި ނަމާދު ކޮޓަރިއެއް ހުރި ކަމަށެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނައަކާއި މީޓިން ރޫމަކާއި ރެސްޓް ރޫމަކާއި ނަމާދު ކޮޓަރިއެއްގެ އިތުރުން ސްޓޯރެއް ހުންނާނެ ކަމުގައެވެ.
ފެނަކައިން ބުނީ މީގެ ކުރިން ބޭނުން ކުރަމުން އައި އޮފީސް ހުރީ އަވަށާއި ދުރުގައި ކަމަށް ވީނަމަވެސް އާ އޮފީސް އިމާރާތް އަޅާފައިވަނީ ޕޮލިސް ސްޓޭޝަނާއި ކޯޓް ހުންނަ ސަރަހައްދު މެދުގައި ރަށުގެ ބަނދަރުމަތީގައި ކަމަށެވެ.