މިއީ ރާއްޖޭގައި މިފަދަ ނިޒާމެއް ގާއިމުކުރެވުނު ފުރަތަމަ ފަހަރެވެ. މިއީ ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރު ޚަރަދު ކުޑަކޮށް، ރާއްޖޭގައި ތިބެގެން މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުން ފޯރުކޮށްދިނުގެ ސިޔާސަތުގެ ދަށުން ކޮށްފައިވާ ކަމެކެވެ.
އެ ލެބޯޓްރީ ހުޅުވާދެއްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީއާއި އެކު ގިނަބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ލެބުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ހާއްސަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ގާއިމްކޮށްފައިވާ ލެބެކެވެ. މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މި ތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ. އަދި މިހާރު މި ވަސީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރެވެން ފެށުމުން، މިކަމަށް ސަރުކާރުން ހޭދަކުރާ ޚަރަދުގެ 3 ގުނަ ސަލާމަތްކުރެވިގެންދާނެއެވެ.
އަދި މިފަދަ ވަސީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.
ކޮންމެ ޢާއިލާއެއްގެ ކޮންމެ މީހަކީ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުންނަ މީހަކަށްވުމަށްޓަކައި ފުރިހަމަ ސިއްހީ ނިޒާމެއް ގާއިމްކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ތަކުގެ ތެރޭގައި ހިމެނޭ ކަމެެއް ކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.
.