ads
ރައީސް ސޯލިހު ނިލަންދޫގައި ވާހަކަފުޅުދައްކަވަނީ: ވިދާޅުވީ ތަރައްގީއަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކައިގެން ވެރިކަމުގައި ތިބޭ ބަޔަކަށް ކުރިއަށް ދެވޭނީ ބޭކާރު ސިޔާސީ ހަލަބޮލިކަން ނެތިގެންކަމަށް - ފޮޓޯ:އުފާވެރި އަމާން ރާއްޖެ މީޑިއާ
ކުރިން އޮތް ހަލަބޮލިކަމާއި ހަމަނުޖެހުން މި ފަސް އަހަރުތެރޭ ހުއްޓުވިއްޖެ: ރައީސް
ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުރިން އޮތް ހަލަބޮލިކަމާއި ހަމަނުޖެހުން ހުއްޓުމަކަށް ގެނެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
Advertisement

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ ކެމްޕެއިނުގައި މިއަދު ގއ. ނިލަންދޫއަށް ވަޑަައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ތަރައްގީގެ މަގުގައި ކުރިއަށްދާއިރު އެންމެ މުހިންމު އެއް ކަމަކީ ހަމަޖެހުން ގާއިމުވެފައި އޮތުން ކަމަށެވެ. އެއީ ކޮންމެ މީހެއްގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަން ޖެހޭ ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށާއި އެ މަސައްކަތްތަކައިގެން ވެރިކަމުގައި ތިބޭ ބަޔަކަށް ކުރިއަށް ދެވޭނީ ބޭކާރު ސިޔާސީ ހަލަބޮލިކަން ނެތިގެން ކަމަށެވެ. ރާއްޖެ ފައްކާވަމުން މިދަނީ ޒަމާނީ ޑިމޮކްރަސީއަކަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް ބަޔަކީ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމާއި ނޫސްވެރިކަމުގެ މިނިވަންކަން ފުރިހަމަވެފައި އޮތުން ކަމަށެވެ. އެކަންކަމާ އެކީގައި ސިޔާސީ ހިޔާލުތަފާތުވުންތަކަށް ޖާގަދީ ރައްޔިތުންނަށް ކޮށްދޭން ޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރަކަށް ކުރިމަތިލާއިރު ރައްޔިތުން ވިސްނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމުގައެވެ. ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތުދޭ ކަމަށް ވަނީ ނަމަ ރައްޔިތުން ބޭނުންވާ ތަރައްގީ ނުލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ވަނީ ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައި. އޭގެ ގިނަ މަސައްކަތް ނިމިއްޖެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވަމުންދާ ކަމަށް ވަންޏާ، އަޅުގަނޑު ކުރިންވެސް މި ދެންނެވި ފަދައިން އެ ކަންތައްތައް ހުއްޓިގެންދާނެ. އަޅުގަނޑުމެން އެ ކަންތައްތައް ތަޖުރިބާކޮށްފިން،" - ރައީސް ސޯލިހު

ރައީސް ވިދާޅުވެފަައިވަނީ 2008 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް އައިސް ފެށި ވަރަށް ރަނގަޅު ގިނަ މަސައްކަތްތަކެއް ޖެހިގެން އައި ރިޔާސީ ދައުރުގައި މުޅިން ބަދަލުވެގެންދިޔަ ކަމަށެވެ. ރަށްރަށާ ދޭތެރޭގައި އަޅާލަންވާ ވަރަށް އެ ފަސް އަހަރުގެ ތެރޭގައި މަސައްކަތް ކުރެވިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި މިހާރު ކުރަމުން އަންނަ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަކަށް ރައްޔިތުންގެ ވިސްނުން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެން ނޫންނަމަ އަނެއްކާވެސް ބޭކާރު އެތައް ހަރަދެއް ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްގީ އާއި ހިންގުމުގެ ދާއިރާގައި ރަށުގެ ވަރަށް ގިނަ ފަރާތްތަކުން އިސްސަފުގައި މަސައްކަތް ކުރަމުންދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވި ގޮތުގައި ނިލަންދޫގެ ރައްޔިތުން ގޮތް ނިންމާނީ ވަރަށް ވިސްނާފައިކަން ޔަގީންކުރައްވާ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް