ސީއެންއެމަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހު މިއަދު ހަވީރު ވިލިގިއްޔަށް ވަޑައިގެންނެވުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ނުކުމެ ކުރަމުން ދިޔަ އިހުތިޖާޖުގެ ތެރެއިން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވަނުމަށް އިދިކޮޅު ފަރާތްތަކުން ވަނީ މަސައްކަތްކޮށްފައެވެ. އަދި އެސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނާ ދިމާލަށް ވަނީ ގާ ވެސް އުކާފައެވެ.
ސީއެންއެމަށް އެނގިފައިވާ ގޮތުގައި ވިލިގިލީގައި މިއަދު ހަވީރު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ތިން މީހަކަށް އެކިވަރުގެ އަނިޔާވެ ހޮސްޕިޓަލަށް ވެސް ގެންގޮސްފައިވެއެވެ. ް
ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ދެ ފިރިހެނަކާއި އަންހެނަކަށް ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ. އެ އެރަށު ފުޓްބޯޅަ ދަނޑުގަޔާއި، ވޮލީކޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް ޖަހާފައިވާ ބެނާތައްވެސް ހަލާކު ކޮށްފައިވާ ކަމަށް ވިލިގިލިން މި ނޫހާއި ވާހަކަ ދެއްކި ބައެއްމީހުން ވަނީ ކަށަވަރު ކޮށްދީފައެވެ.
ރައްޔިތުންނާއި، ބައްދަލުކޮށް ރައީސް، ދައްކަވާ ވާހަކަފުޅު ބޭރުގައި ބޭއްވޭނެ މާހައުލެއް ވިލގިލީގައި ނެތުމުން މިހާރު އެ ބައްދަލުވުން އިންޑޯ ތަނެއްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ވިލިގިލީ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ މީގެ ދެދުވަސް ކުރިން ފެށިގެން ރައީސް ކެމްޕެއިން ދަތުރާއި ދިމާކޮށް ދެކޮޅަށް މަގުމައްޗަށް ނުކުމެ އެކި އެކިއެކި ޝުއޫރުތައް ފާޅު ކޮށްފައެވެ.
އެގޮތުން ޕީޕީއެމްގެ ފިޔާތޮށި ޓީޝާޓުގައި ނުކުތް މީހުންވަނީ، ރައީސް އާއި، އަދި ދަތުރުފުޅުގައި ހިމެނޭ މަޖިލިސް މެމްބަރުންގެ މޫނުތައް ސިވަފާ ކުރެހުން ބޭނުން ކޮށް ހަރަކާތްތައްވެސް ހިންގާފައެވެ. ޕީޕީއެމް ސަޕޯޓަރުން ބުނެފައިވަނީ 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ރައީސް ވިލިގިލީގެ ރައްޔިތުންގެ ތާއިދު ހޯދުމަށް އެ ރަށަށަށް ވަޑައިގެން ވިލިގިއްޔާއި ކޫއްޑޫ އާއި ދޭތެރޭ އަޅަން ނިންމާފައިވާ ބުރިޖުގެ ވައުދު ނުފުއްދާ އެރަށަށް އިތުރު ވައުދުތަކެއް ވުމަކީ އެމީހުން ގަބޫލު ކުރާނެ ކަމެއްނޫން ކަމަށެވެ.
އަދިވެސް އެތައް ބައިވަރު ވައުދުތައްވެފައިވާ ކަމަށާއި، އެކަންތައް ގަބޫލު ނުކުރެވޭނެ ކަމަށެވެ.