މީރާއިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 32.5 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި ނިމިދިޔަ މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 10.6 އިންސައްތަ އިތުރު އަދަދެއް ކަމަށް މީރާއިން ބުނެއެވެ.
މީރާއިން ބުނެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިދިޔަ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ޖީއެސްޓީ، ޓޫރިޒަމް ލޭންޑް ރެންޓް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ. މީގެ ސަބަބަކީ، މިދިޔަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަދި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ރަސްމީ ބަންދު ދުވަހަކަށް ދިމާވުމުގެ ސަބަބުން، ސުންގަޑީގެ ތާރީހު މިދިޔަ ޖުލައި މަހަށް ފަސްވެފައިވާތީކަމަށް މީރާއިން ބުނެއެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު، ވޭތުވެދިޔަ ޖޫން މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 8.5 އިންސައްތަ އިތުރުވެފައިވާތީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމުގައެވެ.
ނިމިދިޔަ ޖުލައި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ މައިގަނޑު ސަބަބަކީ ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް، ނޮން-ރެޒިޑެންޓް ވިތުހޯލްޑިން ޓެކްސް އަދި ފަރުދުންގެ އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވުންކަމަށް މީރާއިން ބުނެއެވެ. މީރާއިން ބުނެފައިވަނީ 2022 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަދި 2023 ވަނަ އަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓެރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި 2023 ވަނަ އަހަރުގެ ޖުލައި މަހަށް ފަސްކޮށްފައިވުމާ އެކު، އަންދާޒާކޮށްފައިވާ އަދަދަށްވުރެ އިތުރަށް އާމްދަނީ ލިބިފައިވާ ކަމަށެވެ.
މީރާއިން ބުނި ގޮތުގައި މިދިޔަ ޖުލައި މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުން ކަމުގައެވެ.
ޖުލައި މަހު މީރާއަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:
- އާމްދަނީން ނަގާ ޓެކްސް: 1.85 ބިލިއަން ރުފިޔާ (52.28 އިންސައްތަ)
- ޖީއެސްޓީ: 1.22 ބިލިއަން ރުފިޔާ (34.41 އިންސައްތަ)
- ޓޫރިޒަމް ލޭންޑް ރެންޓް: 155.68 މިލިއަން ރުފިޔާ (4.41 އިންސައްތަ)
- ގްރީން ޓެކްސް: 91.02 މިލިއަން ރުފިޔާ (2.58 އިންސައްތަ)
- އެއާޕޯޓް ސާވިސް ޗާޖު: 68.67 މިލިއަން ރުފިޔާ (4.3 އިންސައްތަ)
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 61.92 މިލިއަން ރުފިޔާ (1.75 އިންސައްތަ)
- އެހެނިހެން ޓެކުހާއި ފީ: 161.41 މިލިއަން ރުފިޔާ (4.57 އިންސައްތަ)
މިދިޔަ މަހު މީރާއަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.