އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ނ. އަތޮޅުގެ ރަށްތަކަށް ފެށި ކެމްޕެއިން ދަތުރުގައި މިއަދު ހެނދުނު ނ. މާޅެންދޫއަށް ވަޑަައިގެން އެ ރަށުގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ރިޔާސީ ރޭހަށް ނިކުމެ މިހާރު ހުންނެވީ ދެވަނަ ފަހަރަށް ކަމަށާއި އެއް ދައުރު ނިމިއްޖެ ކަމަށެވެ.
ރައީސް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ދައުރުގައި މަގުސަދަކަށް ވާނީ ސަރުކާރުން ފަށާފައި ހުރި ހުރިހާ މަސައްކަތެއް ނިންމާ ރައްޔިތުންނަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން ކަމަށެވެ. މި އަންނަ ދައުރު ނިމި ވެރިކަމުންފައިބާއިރު ރާއްޖެ ފެންނާނީ މުޅިން އެހެންގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދައުރުގައި ސަރުކާރުން ކުރާނެ މަސައްކަތްތައް މިހާރު ދަނީ ހާމަކުރަމުން ކަމުގައެވެ. އެގޮތުން މާދަމާ ރޭ އިތުރު ސިޔާސަތެއް ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މިހާތަނަށް ހާމަކުރި ސިޔާސަތުގެ ދަށުން ކުރާނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.