ކުޑަފަރިއަށް ރައީސް އެ ވައުދުތައް ވެވަޑައިގެންފައިވަނީ ކެމްޕޭނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ބޯހިޔާވަހިކަން ބޭނުންވާ 200 އާއިލާއެއް ކުޑަފަރީގައި އެބައޮތް ކަމަށާއި އެ މައްސަލަ ހައްލު ކުރުމަށް ކުރިެއަށް އޮތް ދައުރުގައި ރޯހައުސް އަޅުއްވާ ދެއްވާނެ ކަމަށެވެ. ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވާ ދެއްވާއިރު އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ ފަރާތްތަކަށް ހައެއް އިންސައްތަ އިންޓަރެސްޓް ރޭޓުގައި 10 އިންސައްްތަ ޑައުންޕޭމަންޓު ދެއްކުމުން ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ކުޑަފަރީ ސުކޫލުގެ ހަތަރު ކުލާސްރޫމެއް ސްމާޓް ކުލާސްރޫމަށް ބަދަލު ކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތް ދައުރުގައި އެރަށު ސުކޫލުގައި ސައިންސް ލެބެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އޭގެއިތުރުން އެރަށުން ބޭނުންވާ ގޮތަށް ތިމާވެއްޓާއި ރައްޓެހިކޮށް އެރަށުގެ މަގުތައް ހައްދަވާދެއްވާނެ ކަމަށާއި ރަށުގައި އޭޓީއެމްގެ ހިދުމަތް ފައްޓަވާދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ކުޑަފަރީ ސިއްހީ މަރުކަޒަކީ 16 ގަޑި އިރަށް ހިދުމަތްދޭ ތަނަކަށް ބަދަލުކޮށް، ކުރިއަށް އޮތް ދައުރުގައި އައު ސިއްހީ މަރުކަޒެއް އަޅައި 24 ގަޑި އިރު ހިދުމަތް ދޭން ފައްޓަވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އޭގެއިތުރުން އެރަށުގެ ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަށް ހަދައި ނިމޭއިރު އެރަށުގެ ސާފިން ޕޮއިންޓް ހިމާޔަތްކޮށް އެތަނުގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރާއްޖެ އިސްލާގހަށް ކުރި މަސައްކަތުގައި ކުޑަފަރީގެ އެތައް ބަޔަކު ޖަލަށް ދާން ޖެހުނު ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައި ނިންމާ ގޮތަކުން އަނެއްކާ ވެސް އެކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ.