ads
ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ކެނދިކުޅުދޫ ފެނަކަ އާ އިންޖީނުގެ އާއި އޮފީސް ރައީސް ހުޅުވައިދެއްވައިފި
ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ކެނދިކުޅުދޫގައި ހުޅުވުނު ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 39 ވަނަ އިންޖީނުގެ ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގޭގެ އިމާރާތަށް 12 އަހަރުވެފައިވާ ކަމަށެވެ.

ކުރީގައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ 25x70 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ ކެނދިކުޅުދޫގެ އިންޖީނުގޭގައި އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ 10x14 ފޫޓުގެ އޭރިއާއެއް ކަމަށެވެ.

your imageކެނދިކުޅުދޫގެ ބާ އިންޖީނުގެ އާއި އޮފީސް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނި ގޮތުގައި ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ 47x123 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަަކައިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ އާ އޮފީސް އިމާރާތަކީ 33x49 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށެވެ.

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އިންޖީނުގޭގައި ހުރީ ޑެގް ރޫމަކާއި ސްޓޯރަކާ އަދި ޕެނަލެއް އެކަނި ކަމަށާއި އޭރުގައި އޮފީސް އިމާރާތެއްގެ ގޮތުގައި ހުރީ އޮފީސް އޭރިއާއެއް ކަމަށެވެ. އެހެންނަމަވެސް ހުޅުވުނު އިންޖީނުގޭގައި ސްޓޯރަކާއި ވޯކް ޝޮޕަކާއި އިންޖީން ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ޕޭންޓްރީއަކާއި ފާހާނައަކާއި ޗިމްނީއެއްގެ އިތުރުން ފިއުލް ޓޭންކެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނާއަކާއި މީޓިން ރޫމަކާއި ގެސްޓް ރޫމެއް އަދި ސްޓޯރެއް ހިމެނޭނެ ކަމުގައެވެ.

your imageކެނދިކުޅުދޫގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެ ހުރީ ރަށުގެ ސްކޫލު ކައިރީގައި ކަމަށް ވީނަމަވެސް އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ކައިރީގައި ކަމަށެވެ.

ކެނދިކުޅުދޫގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއެކު، ކަރަންޓު ކެޕޭސިޓީ ވަނީ 1،170 ކިލޯވޮޓުން 1،720 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް