ads
އެމްޑަބްލިއުއެސްސީން ކުޑަފަރީގައި ގާއިމުކުރި ފެނުގެ ނިޒާމް ރައީސް ސޯލިހު އިފްތިތާހުކޮށްދެއްވުން - ފޮޓޯ:އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީން 3 ރަށެއްގައި ގާއިމުކުރި ފެނާއި ނަރުދަމާ ނިޒާމް އިފްތިތާހުކޮށްފި
މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކުރިއަށް ގެންދިޔަ ނ. މާޅެންދޫ، ނ. ކުޑަފަރި އަދި ނ.ހެނބަދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްތައް ނިންމައި އިފްތިތާހުކޮށްފިއެވެ.

މާޅެންދޫ، ކުޑަފަރި އަދި ހެނބަދޫގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކޮށްދެއްވީ އެ ރަށްތަކުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އިސްވެރިންނާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ އިތުރުން ރަށުގެ ރައްޔިތުން ބައިވެރިވިއެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވަނީ އެ ތިން ރަށުގައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން ގާއިމުކޮށް، ފެން ހޮޅީގެ މައިނެޓްވޯކް އަޅައި އަދި ގޭގެއަށް ފެނުގެ ކަނެކްޝަން ވަނީ ގުޅައިދީފައި ކަމަށެވެ. އޭގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިން އަޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެ ކުންފުނިން ބުނީ ފެން ރައްކާކުރުމަށްޓަކައި ފެންތާނގީ ވެސް ބަހައްޓާފައިވާ ކަމަށެވެ.

ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާގެ މައިނެޓްވޯކް އާއި ޕަމްޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަމްޕިން ސްޓޭޝަން ގާއިމުކޮށް އަދި ސީ އައުޓްފޯލް އަޅައި ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އެމްޑަބްލިއުއެސްސީން  ބުނި ގޮތުގައި ގޭގޭގައި ޖަކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދެވިފައި ކަމަށެވެ. އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާޅެންދޫ، ކުޑަފަރި އަދި ހެނބަދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 122.38 މިލިއަން ރުފިޔާއެވެ. އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މި މަޝްރޫއުގެ ސަބަބުން އެ ރަށްތަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް