ads
ނ. އަތޮޅު ހޮސްޕިޓަލުގެ ހަ އޯޕީޑީ ރޫމް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
މަނަދޫގެ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ފާހަގަކޮށްފި
ނ. މަނަދޫގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރައްވައިފިއެވެ.

މަނަދޫގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރައްވާފައިވަނީ ނ. އަތޮޅަށް ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނުއެވެ.

އެގޮތުން އެމަނިކުފާނު ވަނީ މަނަދޫ ފެނުގެ ހިދުމަތް އިފްތިތާހުކޮށްދެއްވައި، ނ. އަތޮޅު ހޮސްޕިޓަލުގެ ހަ އޯޕީޑީ ރޫމާއި ލެބޯރެޓަރީ އަދި ނ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި އިންޑޯޖިމް އަދި ފުޓުބޯޅަ ދަނޑުގެ އިތުރުން ފެނަކަ އޮފީސް ހުޅުވައިދެއްވާފައެވެ.

މަނަދޫ ފެނުގެ ނިޒާމަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ޕްލޭނިން މިނިސްޓްރީން ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމައި 269 ފަރާތަކަށް ފެނުގެ ކަނެކްޝަންސްތައް މިހާރު ވަނީ ގުޅައިދީފައެވެ.

ނ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލަކީ އެންމެ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް ހޯލު އިމާރާތެކެވެ. މި އިމާރާތުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އެ މަޝްރޫއުތަކުގެ އިތުރުން ރައީސް ވަނީ މަނަދޫ ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވާފައެވެ. އެ ދަނޑަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ދަނޑެކެވެ. ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވުމުގެ ކުރިން ރައީސް ވަނީ އިންޑޯ ޖިމް ވެސް ހުޅުވައިދެއްވާފައެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް