މަނަދޫގައި އަލަށް އިމާރާތްކުރެވުނު އެ ރަށު ފެނަކަަ އާ އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އާދިއްތަ ދުވަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މަނަދޫގައި އަލަށް ހުޅުވި އޮފީސް އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 45 ވަނަ އޮފީސް އިމާރާތް ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އޮފީސް އިމާރާތަށް 13 އަހަރުވެފައިވާ ކަމަށެވެ.
މަނަދޫގެ އިންޖީނުގޭގެ އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ 28x17 ފޫޓުގެ އޮފީސް އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ އެ އިމާރާތުގައި އެއްފަހަރާ މަސައްކަތް ކުރެވެނީ ފަސް މުވައްޒަފުންނަށް ކަމަށެވެ.
ފެނަކައިން ބުނި ގޮތުގައި މަނަދޫގައި އަލަށް އިމާރާތްކުރި އޮފީސް އިމާރާތަކީ 33x49 ފޫޓުގެ އިމާރާތެއް ކަމުގައެވެ. އެ އިމާރާތުގައި 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ފެނަކައިން ބުނީ ކުރީގައި އޮފީހެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތުގައި ހުރީ ހަމައެކަނި ސްޓާފް އޭރިއާއެއް އެކަނި ކަމަށެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނައަކާއި މީޓިން ރޫމަކާއި ގެސްޓް ރޫމެއްގެ އިތުރުން ސްޓޯރެއް ހުންނާނެ ކަމަށެވެ.
ފެނަކައިން ބުނީ މީގެ ކުރިން ބޭނުން ކުރަމުން އައި އޮފީސް ހުރީ ކުރީގެ އިންޖީނުގޭގައި ކަމަށް ވީނަމަވެސް އާ އޮފީސް އިމާރާތް އަޅާފައިވަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ކަމަށެވެ.