އެމްއޭސީއެލުން ބުނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ކެއަރ ސޮސައިޓީގެ ހަތަރު ދަރިވަރަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ މަސައްކަތު މާހައުލުގެ ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެމްއޭސީއެލް އާއި ކެއަރ ސޮސައިޓީ ގުޅިގެން ހިންގި މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 31 ވަނަ ދުވަހަށް ކަމަށް އެކުންފުނިން ބުނެއެވެ.
އެމްއޭސީއެލުން ބުނެފައިވަނީ ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް ވީއައިއޭގައި ބޭއްވުނު ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވަނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައި ކަމަށެވެ. މި ހަފުލާގައި އެކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ކެއަ ސޮސައިޓީގެ އިސްވެރިންވެސް ވަނީ ބައިވެރިވަޑައިގެންފައި ކަމަށް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނި ގޮތުގައި ތިން މަސްދުވަހަށް ގެންދެވުނު މި ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ކޮންމެ މަހަކު ހާއްސަ އެލަވަންސްއެއް ދެވިފައިވާ ކަމުގައެވެ. އެކުންފުނީގެ އެކިއެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު އެކުދިންނަށް ދެވިފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ. އެގޮތުން ދުވަހުން ދުވަހަށް ކުރަން ޖެހޭ އިދާރީ މަސައްކަތާއި ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން އެހެނިހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އިންޓާންގެ ބައިވެރިންނަށް ލިބިގެން ގޮސްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. އެމްއޭސީއެލުން ބުނެފައިވަނީ އެ ދަރިވަރުންނަށް ހާއްސަ ކުރެވިފައިވާ، ސުޕަވައިޒަރުންގެ އިރުޝާދާ އެކު، އެކުދިންނަށް ވަނީ މަސައްކަތުގެ މާހައުލުގައި މަސައްކަތުގެ ތަޖުރިބާ ލިބިގެން ގޮސްފައި ކަމަށެވެ.
އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވި ގޮތުގައި މިއީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް، އެފަރާތްތައް ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެވުމުގެ ގޮތުން ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމުގައެވެ. މި ޕްރޮގްރާމުގެ ސަބަބުން ބައިވެރިންނަށް މަސައްކަތުގެ ތަޖުރިބާ ލިބިގެން ދިއުމުގެ އިތުރުން، އެކުދިންނަށް މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެކަމަށް އަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބަ އާއި ދެމެހެއްޓެނިވި ތަރައްގީ އާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައި ކަމަށް އެކުންފުނިން ބުނެއެވެ.