ads
ޔޫތް ރެޒިލިއެންސް ޕްރޮގްރާމުން ވަނަ ހާސިލުކުރި ދަރިވަރަކަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވަނީ - ފޮޓޯ:ޖެންޑަ މިނިސްޓްރީ
ޔޫތް ރެޒިލިއެންސް ޕްރޮގްރާމުގެ ބައިވެރިންނަށް ހަނދާނީ ލިއުން ދީފި
ޖެންޑަ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސް އާއި އޯޝަން ވޮރިއަސް އިންސްޓިޓިއުޓް އާ ގުޅިގެން ކުރިއަށް ގެންދިޔަ ޔޫތް ރެޒިލިއެންސް ޕްރޮގްރާމުގެ ނިމުން ފާހަގަކޮށް ބައިވެރިންނަށް ހަނދާނީ ލިއުން ދީފިއެވެ.

ޖެންޑަ މިނިސްޓްރީން ބުނީ ދ. ކުޑަހުވަދޫ އެފްސީއެސްސީގެ އަމާންވެށީގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި 11 ދަރިވަރުން ވަނީ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމާފައި ކަމަށެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ވަޒީފާއަކަށް އެދި ހުށަހަޅާއިރު އަދި ވަޒީފާއެއްގައި ދެމިތިބުމަށް ބޭނުންވާނެ ފަދަ ހުނަރުތައް ދަސްކޮށްދިނުން ކަމަށް ޖެންޑަ މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އެ ހުނަރުތަކުގެ އިތުރުން ޕްރޮގްރާމުގެ ތެރެއިން ދަރިވަރުވި ކުދިންނަށް ވޯޓަ ސްޕޯޓްސް ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާނެ ލައިސެންސް ހޯދުމަށް މަގުފަހިކޮށްދީފައިވާ ކަމަށެވެ.

ޔޫތް ރެޒިލިއެންސް ޕްރޮގްރާމު ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމުން ތަފާތު ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ދީފައިވާ ކަމަށާއި އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކަމަށް ޖެންޑަ މިނިސްޓްރީން ބުނެއެވެ.

ޔޫތް ރެޒިލިއެންސް ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ދެއްކެވި ވާހަކަފުޅުގައި މި ޕްރޮގްރާމް ފަރުމާކޮށް ޕްރޮގްރާމް ފެށުމުގެ މަޝްވަރާތައް ފަށާފައި ވަނީ ކޮވިޑް-19 ގެ ހާލަތުގައި 2020 ވަނަ އަހަރުގައި ކަން ފާހަގަކުރެއްވިއެވެ. އަދި ޕްރޮގްރާމަށް ބޭނުންވާ ފަންޑު ހޯދުމަށް ކޮވިޑް-19 ދުވަސްވަރާ ދިމާވުމުން ދަތިތަކެއް ދިމާވި ނަމަވެސް މިފަދަ ޕްރޮގްރާމެއްގެ މުހިންމުކަން އެނގިލައްވާތީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ގެންގޮސް ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ރަނގަޅު ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި މި ޕްރޮގްރާމުގެ ކޮންސެޕްޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓަށް ހުށަހެޅުމާ އެކު، ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަންޑު ވަރަށް އަވަހަށް ހަމަޖެހިގެންދިޔަކަން ވަނީ ފާހަގަކުރައްވާފައެވެ.

ޕްރޮގްރާމްގެ ބައިވެރިންނާ މުހާތަބު ކުރައްވާ ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ކުދިން ކުރި މަސައްކަތް ވަރަށް ބޮޑަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ހެނދުނު ހޭލައިގެން މޫދު ކްލާސްތަކުގައި ބައިވެރިވުމަކީ ފަސޭހަކަމެއް ނޫން ނަމަވެސް ހިތްވަރާ އެކު ކުރި މަސައްކަތުން ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ ނިންމާފައިވާތީ މިނިސްޓަރު ވަނީ ބައިވެރިންނަށް މަރުހަބާ ދަންނަވާފައެވެ.

"ދެން އޮތް މަރުހަލާއަކީ އަދި މިއަށް ވުރެ އުނދަގޫ މަރުހަލާއަކަށް ވެދާނެ. ކެތްތެރިކަމާ އެކު ބުރަ މަސައްކަތުން އިންޝާ ﷲ ތި ކުދިންނަށް ކާމިޔާބު ވާނެ،" - މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ

ޔޫތް ރެޒިލިއެންސް ޕްރޮގްރާމުގެ ދެވަނަ މަރުހަލާގައި ބައިވެރިން މަސައްކަތުގެ މާހައުލުގެ އަމަލީ ތަޖުރިބާ ހޯދުމަށް ރިސޯޓުތަކުގައި މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ޔޫތް ރެސިލިއެންސް ޕްރޮގްރާމަށް އެކި ގޮތް ގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ލިއުން ވަނީ ދީފައެވެ.

ޔޫތް ރެސިލިއެންސް ޕްރޮގްރާމު ނިމުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރުގެ އިތުރުން ޖެންޑަ މިނިސްޓަރު އަދި ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި ބައެއް އިސްވެރިން އަދި އޯޝަން ވޮރިއަސް އިންސްޓިޓިއުޓުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް