ޕީޕީއެމްގެ ޓިކެޓު ނުލިބުމުން ހިތްހަމަޖެހިވަޑައިނުގެން ރައީސް ވަހީދު ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް އަބްދުއްރަހީމު ރައްދު ދެއްވާފައިވަނީ ވ.ފެލިދޫގައި މިއަދު ބޭއްވި ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕޭން ޖަލުސާގައެވެ.
އަބުދުއްރަހީމު ވިދާޅުވީ ރައީސް ވަހީދަށް ރައްދު ދެއްވަން ބޭނުން ނޫން ކަމަށައި ނަމަވެސް ރައީސް ވަހީދު ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތި އެވާހަކަތައް ދައްކަވަމުން ގެންދަވާތީ މަޖުބޫރުވީ ކަމަށެވެ. އަބްދުއްރަހީމު ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރު ޕީޕީއެމާއި އެޕާޓީގެ ލީޑަރޝިޕާއި އާއްމު މެންބަރުން އުޅުނީ ވަރަށް ހިތްދަތި ކަމުގައި ކަމަށާއި އޭރު ރައީސް ވަހީދު ނެތް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެކަން ޔަގީންވުމުން ލީޑަރޝިޕު ބައްދަލުވުމެއް ބާއްވަން ދިޔަ އިރު ރައީސް ވަހީދު އެތަނުގައި އިންނެވި ކަމަށާއި ރައީސް ވަހީދު ފެނުމުން ހައިރާންވި ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ.
ބައްދަލުވުން ފެށުމުން ރައީސް ވަހީދު ފުރުސަތަކަށް އެދިވަޑައިގެންނެވުމުން އެ ފުރުސަތު ދެއްވުމުން އެމަނިކުފާނުހާ ގާބިލު، އިލުމީ، ކަނެކްޝަން ހުރި، އެންމެން ގޮވައިގެން އުޅެވޭނެ ބޭފުޅަކު ޕީޕީއެމްގައި ނެތް ކަމަށާއި ޑރ.މުއިއްޒު އަދި މާ ޅަ ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ. އަދި މުއިއްޒާ ވާހަކަ ދައްކައިގެން އަންޑަސްޓޭންޑިއަކަށް ދެވިދާނެ ކަމަށާއި ފުރުސަތު ދީފި ނަމަ ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވުމަށްފަހު ރައީސް ވަހީދު ވަޑައިގެންނެވީ ކަމަށް އަބްދުއްރަހީމު ވިދާޅުވިއެވެ.
އޭގެފަހުން ވެސް ޕީޕީއެމްގެ ނައިބް ރައީސް ޣައްސާނު މައުމޫނަށް ގުޅުއްވާ އިންތިހާބުގައި ވާދަ ކުރައްވަން ރައީސް ޔާނީން އަންގަވައިފި ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އަބްދުއްރަހީމު ވިދާޅުވިއެވެ.
އަބްދުއްރަހީމު ވިދާޅުވީ ޑރ.މުއިއްޒު ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވުމުން ވެސް ރައީސް ޔާމީންގެ އިޝާރާތަކަށް މަޑު ކުރެއްވި ކަމަށާއި ކުރިއަށް ދިޔައީ ރައީސް ޔާމީން އެކަމަށް އެންގެވުމުން ކަމަށެވެ. ރައީސް ވަހީދަށް ވުރެ ރަނގަޅަށް ރައީސް ޔާމީން އެނގޭ ކަމަށާއި ރައީސް ޔާމީނަށް އެބޭފުޅާ މާ އިހުލާސްތެރިވާނެ ކަމަށް ވެސް އަބްދުއްރަހީމު ވިދާޅުވިއެވެ.
އަބްދުއްރަހީމުވަނީ ޕީޕީއެމާ ބެހޭ ގޮތުން އިތުރުފުޅު ނުހައްދަވާ ރައީސް ވަހީދުގެ ކެންޑިޑޭޓަށް ސަޕޯޓު ހޯއްދަވަން މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.