ސީއޭ މޯލްޑިވްސްއިން ބުނީ މި އަހަރުގެ ފޯރަމް އިންތިޒާމް ކޮށްފައި ވަނީ ސައުތް އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (ސަފާ) ގެ ފަރާތުން ކަމަށެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްގެ ކައުންސިލްގެ އިތުރުން ޓެކްނިކަލް އެންޑް ސްޓޭންޑަޑް ކޮމިޓީގެ މެމްބަރުންނާއި ސަފާގެ މެމްބާ ބޮޑީސްގެ އިސް ބޭފުޅުންގެ އިތުރުން އެކައުންޓިން ދާއިރާގެ ފުންނާބު އުސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި ކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.
ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޮޑިޓަ ޖެނެރަލް އަދި ސީއޭ މޯލްޑިވްސްގެ ރައީސް، ހުސައިން ނިޔާޒީ ވަނީ 2007 ވަނަ އަހަރާ އަޅާބަލައި އެކައުންޓިން ޕްރޮފެޝަންއަށް އައި ކުރިއެރުން ފާހަގަކޮއްފައެވެ. ހަމަ އެހެންމެ، މި ފޯރަމްގެ ބޭނުން އެންމެ ހެޔޮގޮތުގައި ބޭނުންކުރުމަށް ފޯރަމްގެ އެންމެހާ ބައިވެރިންނަށް ނިޔާޒީ އިލްތިމާސް ކުރެއްވިއެވެ.
ސަފާ އައިއެފްއާރްއެސް އަދި އައިއެސްއޭއެސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރު އަލީ ހާޝިމް ވަނީ މެކްރޯ އިގުތިސޯދީ ފެންވަރުގައި މާލީ އިދާރާތަކަށް އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމާއި ފުރިހަމަ ފައިނޭންޝިއަލް ރިޕޯޓިން ސިސްޓަމްއެއް ބިނާކުރުމުގައި ގަވާނެންސް އަދި އިންޓާނަލް ކޮންޓްރޯލް މެކޭނިޒަމްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ދެ ދުވަހަށް ބަހާލައިގެން ބާއްވާ މި ފޯރަމް ކުރިއަށް ދަނީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައި ކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.
ސީއޭ މޯލްޑިވްސްއިން ބުނެފައިވަނީ މި ފޯރަމްގައި ސަފާގެ މެމްބާ ބޮޑީސްގެ އިސް ބޭފުޅުންގެ އިތުރުން ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައެއް އެކްސްޕާޓުންގެ ފަންނީ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަން ހަމަޖެހިފައިވަނީ އެކައުންޓިން ސްޓޭންޑަޑްސް (އައިއެފްއާރްއެސް އަދި އައިއެސްއޭއެސް) ގެ އެންމެފަހުގެ އަޕްޑޭޓްތަކާއި ސަސްޓެއިނަބިލިޓީ ސްޓޭންޑަޑްސްގެ އެންމެ އިސް މާއްދާތަކާ އަދި ސްޓޭންޑަޑްތަކުގެ ޕްރެކްޓިކަލް އެޕްލިކޭޝަންއަށް ކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ. ސީއޭ މޯލްޑިވްސްއިން ބުނި ގޮތުގައި މި ސީޕީޑީ ސެޝަންތަކުން އޮޑިޓް ފާމްތަކުން ކުރާ އޮޑިޓްތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެ ކަމުގައެވެ.
މިފަދަ ފޯރަމްއެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދަކީ އިންސްޓިޓިއުޓްގެ މެމްބަރުންނާއި ރާއްޖޭގައި އެކައުންޓިން ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދީ، ރާއްޖޭގެ އެކައުންޓެންސީ ޕްރޮފެޝަން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދިނުން ކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ. ސީއޭ މޯލްޑިވްސްއިން ބުނީ މި ފޯރަމްގައި ބައިނަލްއަގުވާމީ އޮޑިޓިން ހަމަތަކަށް އަންނަ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން އޮޑިޓަރުންނާއި އެކައުންޓެންޓުންގެ މަސައްކަތަށް އަންނާނެ ބަދަލުތަކަށް އަލިއަޅުވާލާނެ ކަމަށެވެ.
ސަފާ އައިއެފްއާރްއެސް އަދި އައިއެސްއޭއެސް ފޯރަމްގައި އިންސްޓިޓިއުޓްގެ މެމްބަރުންނާއި އެކައުންޓިން އަދި ފައިނޭންސް ޕްރޮފެޝަންގައި މަސައްކަތްކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތަށް ޖުމްލަ 350 ފަރާތުން ވަނީ ބައިވެރިވެފައި ކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.