ސީއޭ މޯލްޑިވްސްއިން ބުނީ މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ސާފާ އައިއެފްއާރްއެސް އަދި އައިއެސްއޭއެސް ފޯރަމްގެ ދެ ވަނަ ދުވަހު ކަމަށެވެ. ސައުތް އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (ސާފާ) ގެ މެންބަރުން ކަމުގައިވާ މި ދެ އިންސްޓިޓިއުޓަކީ އެކައުންޓިން ދާއިރާ އިތުރަށް ފުޅާކޮށް، ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދެ އިންސްޓިޓިއުޓް ކަމަށް ސީއޭ މޯލްޑިވްސްއިން ބުނެއެވެ.
ސީއޭ މޯލްޑިވްސްއިން ބުނެފައިވަނީ މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ އެކައުންޓިން ދާއިރާގެ އިލްމު ކުރިއަރުވައި، އެކައުންޓިން ޕްރޮފެޝަން ތަރައްގީ ކުރުމާއި ދެ އިންސްޓިޓިއުޓްގެ މެންބަރުންގެ ކުރިއެރުމަށް މަސައްކަތް ކުރުން ކަމަށެވެ.
ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އައިސީއޭއައިގެ ރައީސް އަނިކެތް ސުނިލް ޓަލާޓީ ވިދާޅުވި ގޮތުގައި ސީއޭ މޯލްޑިވްސް އާއެކު ފަހުމުނާމާގައި ސޮއިކުރުމުގެ މައިގަނޑު މަގުސަދަކީ ކޮލަބްރޭޓިވް ޕްރޮގްރާމްތައް ބޭއްވުމުގައި ސީއޭ މޯލްޑިވްސްއަަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓިވް އަދި އެހެނިހެން ރިސޯސަސް ފޯރުކޮށްދިނުމުގެ އިތުރުން އައިފެކް މެންބަޝިޕް ހޯދުމުގައި ބޭނުންވާ ފުރިހަމަ އެހީތެރިކަން އައިސީއޭއައިއިން ފޯރުކޮށްދިނުން ކަމުގައެވެ.
ސީއޭ މޯލްޑިވްސްގެ ރައީސް އަދި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވަނީ މި ފަހުމުނާމާގެ ސަބަބުން ދެ އިންސްޓިޓިއުޓަަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އައިސީއޭއައިގެ މެންބަރުންގެ އެކައުންޓިން ޕްރޮފެޝަން ފުޅާކުރުމުގެ ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ. ނިޔާޒީ ވިދާޅުވެފައިވަނީ ސީއޭ މޯލްޑިވްސްއަށް އެކައުންޓިން ދާއިރާގެ ކޯސްތައް ހިންގުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ލިބިގެން ދިއުމާ އެކު، އިންސްޓިޓިއުޓްގެ މެންބަރުންގެ ފަންނީ ތަރައްގީއަށް މަސައްކަތްކޮށް ރާއްޖޭގެ އެކައުންޓިން ޕްރޮފެޝަން އާ ހަރުފަތަކަށް ގެންދިއުމުގެ ދޮރުހުޅުވިގެންދާނެ ކަމަށެވެ.
ސީއޭ މޯލްޑިވްސްގެ ނައިބު ރައީސް ހުސައިން މުހައްމަދު ވަނީ މި ފަހުމުނާމާގެ ސަބަބުން ރާއްޖޭގެ އެކައުންޓިން ޕްރޮފެޝަނަށް ވަރަށް ބޮޑެތި ކުރިއެރުން އަންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ހަމަ މި އާއެކު އައިސީއޭއައިގެ ނައިބު ރައީސް ސީއޭ ރަންޖީޓް އަގަރްވާލްވެސް ވަނީ މި ފަހުމުނާމާގެ ދަށުން ދެ އިންސްޓިޓިއުޓަށް ވަރަށް ބޮޑެތި ކުރިއެރުންތައް އަންނާނެކަން ފާހަގަކުރައްވާފައެެވެ.
މި ރަސްމިއްޔާތު ޝަރަފުކޮށްދެއްވި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ މަނު މަހަރްވާރް ވިދާޅުވި ގޮތުގައި މި ފަހުމުނާމާ ވެގެންދާނީ ދެ އިންސްޓިޓިއުޓްގެ އެކައުންޓިން ކޮމިއުނިޓީގެ ކުރިއެރުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުސަތަކަށް ކަމުގައެވެ.