ގާސިމު އިބްރާހީމުގެ ކެމްޕޭނަށް ހދ.ކުމުންދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ހުރިހާ ކަމަކުން ރިޓަޔާ ކުރަން ޖެހޭ އުމަރަށް ދިއުމުން ގާސިމާއެކު ނުކުމެ ވަޑައިގެންނެވީ އެންމެ ފުރަތަމަ ވެސް ކުރި މަސައްކަތް ކުރައްވަން ކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަކީ ހިޔާނާތާއި ވައްކަން ކަމަށް ބަޔަކު ހަދާފައިވާ ކަމަށެވެ. އެހެންކަމުން ޑިމޮކްރަސީ ގެންނަން ވޭތުވެ ދިޔަ މާޒީގައި ގާސިމު ކުރެއްވި މަސައްކަތައްޓަކާ އެކަނި ވެސް ގާސިމަށް ފުރުސަތު ދޭން ޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ރާއްޖޭގެ ކަންކަން އިސްލާހު ކުރުމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއާއި ޕީޕީއެމަށް ވެސް ފުރުސަތު ދެވިފައިވާ ކަމަށާއި ރައްޔިތުން ބޭނުންވި ބަދަލު ނުގެނެވުނު ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.
ދިވެހިން ތިންވަނަ ވިސްނުމަކަށް ފުރުސަތު ދޭން ޖެހޭ ކަމަށާއި އެ ވިސްނުމަކީ ގާސިމު ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.