މިގޮތުން މިއަދު ރައްޔިތުންގެ މަޖިލިސް ފަށައިގެން ކުރިއަށްދާއިރު އިއްޔެ ދިޔަ ފަދަ ހަމަނުޖެހުމެއް ކުރިއަށްދާތަނެއް ނުފެނެއެވެ.
މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ހަސަން އަފީފް އެވެ. އިއްޔެ މަޖިލިސް ފެއްޓެވިއިރު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މަޖިލީސް ފައްޓަވަމުން އައްޝައިހު އުސްމާން އަބްދުﷲގެ ގެ ހަނދާނުގައި ސުކޫތެއް ވަނީ ފާހަގަކޮށްފައެވެ. އުސްމާން އަބްދުﷲ އަކީ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
މަޖިލީހުގައި މިއަދު ކުރިއަށް ގެންދަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ޕާޓީތަކަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް އައްޔަނުކުރުމާ ގުޅޭ މައްސަލައެވެ. މި މައްސަލައިގައި މިއަދު ވަނީ ބަހުސަށް ހުޅުވާލާފައެވެ.