ads
ރައީސް ސޯލިހު ދަރަވަންދޫގައި ވާހަކަފުޅުދައްކަވަނީ: މެނިފެސްޓޯގައި ހިމަނާފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާނެ ގޮތް ހެދުމަށް - ފޮޓޯ:އުފާވެރި އަމާން ރާއްޖެ
އެމްޑީޕީގެ މެނިފެސްޓޯ: މަޖިލީހުގެ މެންބަރުން އިތުރުނުވާނެ ގޮތް ހަދާނަން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުނުވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ވައުދާ އެކު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގެ ހަތަރުވަނަ ބައި 'ހެޔޮވެރިކަން' އިފްތިތާހު ކުރައްވައިފިއެވެ.
Advertisement

ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ސޯލިހުގެ މެނިފެސްޓޯގެ ހަތަރުވަނަ ބައި އިފްތިތާހުކޮށްފައިވަނީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ހޯމަ ދުވަހު ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ރޭ ދަރަވަންދޫގައި ބޭއްވި ބޮޑު ޖަލްސާގައެވެ.

ގުޅިފައިވާ ޕާޓީތަކުގެ ސިޔާސަތުގެ ތެރެއިން 'ހެޔޮވެރިކަން' ބައިގެ ދަށުން ބުނެފައިވަނީ ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ކުރުމަށް މިހާރު އޮންނަ އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، މެމްބަރުންގެ އަދަދު ކޮންމެ ފަސްއަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ،" ކަމަށް މެނިފެސްޓޯގައި ބުނެއެވެ.

ކޮންމެ 5،000 މީހުންގެ އާބާދީއަކީ އިދާރީ ވަކި ދާއިރާއެއް ކަމަަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވުމުން އާބާދީ އިތުރުވާ ވަރަކަށް މަޖިލީހުގެ ކޮންމެ ދައުރަކަށްފަހު، މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި 77 މެންބަރުން ތިބިއިރު، 18 ވަނަ މަޖިލީހުގައި 85 މެންބަރުން ތިއްބެވެ. ހިނގަމުން މިދާ 19 ވަނަ މަޖިލީހުގައި 87 މެންބަރުން ތިބެއެވެ.

your imageހެޔޮވެރިކަމާ ގުޅޭ ސިޔާސަތު ހާމަކުރުމަށް ދަރަވަންދޫގައި ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ:އުފާވެރި އަމާން ރާއްޖެ

ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުމަށް ދައުލަތުގެ ހިންގުން ވަރުގަދަ ކުރުމަށް ހުށަހަޅާފައިވާ އިތުރު ކަންކަމަކީ:

  • ވަން ގަވް މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ދާއިރާ ފުޅާކޮށް، ދައުލަތުގެ ހުރިހާ އިދާރާއަކުން އާންމުންނަށް ދޭ ހިދުމަތްތައް މި ނިޒާމު މެދުވެރިކޮށް ލިބޭނެ ގޮތް ހަދާނެ
  • ސިވިލް ސާވިސްއަކީ ވެރިކަން ހިންގުމުގެ ބާރުގެ ސިޔާސަތުތައް ހަލުވިކަމާ އެކު ތަންފީޒުކުރެވޭނެފަދަ ބައްޓަމަކަށް ގާއިމުކޮށްފައިވާ އެފިޝަންޓް ނިޒާމެއްގެ ގޮތަށް ބަދަލުކޮށް، ޒަމާނީ ހިންގުމުގެ ގޮތަށް ބައްޓަންކުރެވިފައިވާ ފްލެކްސިބަލް އަސާސްތަކުގެ މައްޗަށް ގާއިމުކުރެވިފައިވާ ނިޒާމަކަށް ބަދަލު ކުރުމަށް ސިވިލް ސާވިސްގެ މޮޑެލްއަށް ގާނޫނީ އިސްލާހުތައް ގެންނާނެ
  • ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމުގެ ހުރި ފަރަގުތައް ނައްތާލައި، އޮޕަރޭޝަނަލް މިނިވަންކަމާ އެކު މުއައްސަސާތައް ހިންގޭނެ ޒަމާނީ އޮނިގަނޑެއް ގާއިމުކުރުން
  • ވަޒީފާ އާ ބެހޭ ގާނޫނަކީ ވަޒީފާއަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ފުރިހަމަގޮތުގައި ހޯދައިދޭ، ހިންގުމުގެ ނިޒާމުތަކަށް އައިސްފައިވާ ކުރިއެރުންތައް އެކުލެވޭ، ފްލެކްސިބަލް އަސާސްތަކެއްގެ މައްޗަށް ބައްޓަންކޮށްފައިވާ ގާނޫނަކަށް ބަދަލުކުރާނެ
  • މަސައްކަތުގެ ބާވަތުންނާއި މެދުވެރިވާ ހާއްސަ ހާލަތްތަކުގެ ސަބަބުން އާންމު އުސޫލުން މަސައްކަތަށް ހާޒިރުވުމަކާ ނުލާ ފްލެކްސިބަލް އަދި ރިމޯޓް ވޯކިންގެ އުސޫލުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތް ކުރެވޭނޭ ގޮތް ހަމަޖައްސައިދިނުމަށް ކަމާ ބެހޭ ގާނޫނުތަކަށް އިސްލާހު ގެނައުން
  • ދައުލަތުގެ މުސާރަތައް އެއްހަމަ ކުރުމުގެ ސިޔާސަތުގެ އެއްހަމަ މުސާރައިގެ މިންގަނޑުތަކެއް ގާއިމުކޮށް، މުސާރަތަކަށް ގެންނަން ޖެހޭ ކުރިއެރުންތައް ގެނައުން
  • ރޯދަ މަހުގެ ފަހު 10 ދުވަހަކީ ގިނަ ބަޔަކު ރޭ އަޅުކަމުގައި އުޅޭ ދުވަސްވަރުކަމަށް ވާތީ އާއި މުވައްޒަފުންނަށް ލުއި ފަސޭހަކުރުމަށްޓަކައި، މި ދުވަސްތަކުގައި ސަރުކާރުގެ މުވައްޒަފުން 'ވޯކް ފްރޮމް ހޯމް' ގެ އުސޫލުން މަސައްކަތްކުރާ ގޮތަށް ހަމަޖެއްސުން
  • މިނިވަން މުއައްސަސާތަކުގެ ތެރެއިން އިހްތިސާސް ފުށުއަރާ ނުވަތަ އެއް މަސައްކަތްތައް ކުރާ މުއައްސަސާތައް ދެނެގަނެ، އެތަންތަނުގެ އިހްތިސާސް މުރާޖައާކޮށް، އެތަންތަނުގެ މަގުސަދު ހާސިލުވާނެ އުސޫލަކުން އެތަންތަން ހިންގުމަށް ބޭނުންވާ ބަދަލުތައް ގެނައުން
  • ރައްޔިތުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ވަޒަންކުރެވޭނެ ނިޒާމެއް ގާއިމުކުރުން

your imageހެޔޮވެރިކަމާ ގުޅޭ ސިޔާސަތު ހާމަކުރުމަށް ދަރަވަންދޫގައި ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ:އުފާވެރި އަމާން ރާއްޖެ

ރައީސް ސޯލިހު ގެންދަވަނީ އެ މަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގެ ސިޔާސަތުތައް އެކި ރަށްރަށުގައި އިފްތިތާހު ކުރައްވަމުންނެވެ. އެގޮތުން މިހާތަނަށް އުފާވެރި ދިރިއުޅުމާއި އާ ޒުވާނުންގެ ޖީލާއި އަމާން މުޖުތަމައުގެ ސިޔާސަތު ވަނީ އިފްތިތާހު ކުރައްވާފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް