ads
ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ދަރަވަންދޫ އާއި ކުޑަރިކިލުގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފި
މާޅޮސްމަޑުލު ދެކުނުބުރީ، ދަރަވަންދޫ އަދި ކުޑަރިކިލުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަކޮށްދެއްވައިފިއެވެ.

ދަރަވަންދޫ އާއި ކުޑަރިކިލުގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރައްވާފައިވަނީ އެ އަތޮޅަށް ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ދެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގައެވެ.

ރައީސް ވަނީ ދަރަވަންދޫ އާއި ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި، ކުޑަރިކިލު ބަނދަރާއި ވޮލީކޯޓު ހުޅުވައިދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ދަރަވަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ ގޮނޑުދޮށަށް ވެލިއަޅައި، 144 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ވަނީ ޖަހާފައެވެ.

your imageކުޑަރިކިލު ބަނދަރު ތަރައްގީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް

ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ރަށުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކޮށް، ރޭމްޕް ހަދައި، ނެރު ބައްތި އާއި ބަނދަރު ބައްތި ޖަހައި، 1،630 އަކަމީޓަރުގެ ޕޭވްމަންޓް ވަނީ ހަދާފައެވެ. ކުޑަރިކިލުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން 819 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމަންޓެއް ވަނީ ޖަހާފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައި ކަމުގައެވެ. އަދި ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް