ads
ޑރ.މުއިއްޒު، ށ.ކަނޑިތީމުގައި ބޭއްވި ބައްދަލުވުމުން. ފޮޓޯ: ސަން
މާލޭގެ ލޭންޑް ޔޫސް ޕްލޭންގައި އަރަބިއްޔާ ހިމެނިން: މުއިއްޒު
މާލޭ ސިޓީ ކައުންސިލުން މާލެއަށް އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި އަރަބިއްޔާ ސްކޫލް އެޅުމަށް ބިމެއް ހަމަޖެއްސި ކަމަށް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި މާލޭސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ށ.ކަނޑިތީމަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ މުއިއްޒު ވިދާޅުވީ، މާލޭސިޓީގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލެވުނު އިރު، އަރަބިއްޔާ ސްކޫލް އިމާރާތްކުރުމަށް ބިމެއް ހަމަޖެއްސި ކަމަށާއި، އެކަމަށް ބޭނުންވާނެ ބިން މާލެއިން ލިބެން އޮތް ނަމަވެސް، މިހާރުގެ ސަރުކާރުން އަރަބިއްޔާގެ ބެލެވެރިންނަށް ދިނީ ބޮޑު ދޯކާއެއް ކަމަށެވެ.

އެގޮތުން، އަރަބިއްޔާގެ ސްކޫލް އިމާރާތް ކުރުމަށް މިސަރުކާރުން ހަމަޖެއްސީ މައްޗަންގޯޅީގެ އެއްމެ ބާރުބޮޑު އަދި އެންމެ އުނދަގޫ އެއްސަރަހައްދު ކަމަށާއި، އެބިން އަރަބިއްޔާ އެޅުމަށް ދޭނެކަމަށް ބުނެ އެބިންވެސް ނުދޭކަމަށާއި، އެބިމުގައި އަރަބިއްޔާ ސްކޫލް އިމާރާތް ކުރެވިގެން ދިޔަނަމަވެސް، އެބިމަކީ ޖަމާލުއްދީން ސްކޫލް ބޮޑުކުރުމަށް އެއްބައި ނަގަންޖެހޭ ބިމެއްކަން ސަރުކާރަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތް ހަމަޖެއްސުމުން އެކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ އިމާރާތް ހަލާކުވެ، ސްކޫލްގެ ބެލެނެވެރިންނާއި ދަރިވަރުން ސަރުކާރުގައި އާދޭސްކުރަން ފެށުމުން ޓިނުން ހަދައިފައިވާ ގުދަނަކަށް ލާފައިވާ ކަމަށެވެ. ވެރިކަން ލިބިވަޑައިގެންފިނަމަ، އަރަބިއްޔާގެ ދަރިވަރުން ތައުލީމު ހާސިލުކުރުމަށްޓަކައި ޒަމާނީ ސްކޫލެއް އަޅުއްވައިދެއްވާނެ ކަމަށް ބުނެ ޑރ.މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

ޗާންދަނީ މަގުގައި، އަމީނިއްޔާ ސްކޫލްގެ ކުރިމައްޗަށް އޮތް ބިިމުގައި އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ބިނާކުރަން ފެށުނީ 2011 ވަނަ އަހަރުއެވެ. މަސައްކަތް ނިމި 2013 ވަނަ އަހަރުގައި ބޭނުންކުރަން ފެށުނުނަމަވެސް، މާގިނަދުވަސްތަކެއް ނުވެ، އެއިމާރާތުގައި ރެނދުއަޅައި ހަލާކުވާން ފެށިއެވެ. އަދި 2021 ވަނަ އަހަރު، އެއިމާރާތް ނުރައްކާވާ މިންވަރަށް ހަލާކުވެފައިވާ ކަމަށް ބުނެ، ބެލެނިވެރިންގެ ފަރާތުން ޝަކުވާ ހުށަހެޅުމުން، ވަގުތީގޮތުން އަރަބިއްޔާގެ ދަރިވަރުން އެއްމެ ފުރަތަމަ ބަދަލުކުރުމަށް ސަރުކާރުން ނިންމީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. 

އެހެންނަނަމަވެސް، އެނިންމުމަށް އަރަބިއްޔާގެ ބެލެނިވެރިން ދެކޮޅުހަދައި، އިތުރަށް ޝަކުވާ ހުށަހެޅުމުން، އަރަބިއްޔާގެ އައު އިމާރާތް އެޅެންދެން، ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ސްކޫލެއްގެ ގޮތުގައި ބޭނުން ކުރުމަށް ސަރުކާރުން ހަމަޖެއްސިއެވެ. އޭގެ ފަހުން އަރަބިއްޔާގެ އައު ސްކޫލް އިމާރާތް ކުރެވޭނީ، ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި ކަމަށް ހަމަޖައްސައި، އެ ބިމުގައި އަރަބިއްޔާގެ އައު އިމާރާތް އެޅުމުގެ މަސައްކަތް ކުރުމަށް، ބިޑަށްލައި، މިހާރު އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަދެއެވެ. މިހިންގާ 2023 ވަނަ އަހަރުގެ ދިރާސީ އައު އަހަރާއެކު، ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ނިމި ބޭނުން ކުރަން ފެށުމާއެކު، ދަރުމަ ވަންތަ ސްކޫލްގެ ދަރިވަރުން ކުރިން ބޭނުން ކުރަމުން ދިޔަ އިމާރާތަށް އަރަބިއްޔާގެ ދަރިވަރުން މިހާރުވަނީ ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް