ads
ކިނޮޅަހުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވީ ރައީސް ސޯލިހު - ފޮޓޯ:ރައީސް އޮފީސް
ކިނޮޅަހުގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފި
ރ. ކިނޮޅަހުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ފާހަގަކޮށްދެއްވައިފިއެވެ.

ކިނޮޅަހުގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ސޯލިހު ފާހަގަކުރައްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ފެއްޓެވި ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުތަކެއްގައެވެ.

ކިނޮޅަހަށް ވަޑައިގެން ރައީސް ވަނީ އެރަށު ބަނދަރާއި އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިދެއްވައި، ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ކިނޮޅަހުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކަމަށެވެ. ކިނޮޅަހުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ފުންކުރުމާއި 162 މީޓަރު ސަރަހައްދުގައި ގްރޮއިން ޖެހުމާއި 285 މީޓަރުގެ ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން އަދި 186 މީޓަރު ސަރަހައްދެއްގައި އެއްގަމުތޮށި ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ހިމެނެއެވެ.

ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ކިނޮޅަހުގެ އާ އިންޖީނުގެއަކީ ކުރިއަށްވުރެ ޖާގަ ތަނަވަސް އަދި ޒަމާނީ ވަސީލަތްތަކާ އެކު، މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކޮށްފައިވާ އިންޖީނުގެއެއް ކަމުގައެވެ. އެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 688 ކިލޯވޮޓެވެ. އިންޖީނުގޭގެ އިތުރުން ރައީސް ވަނީ ފެނަކަ އޮފީސްވެސް ހުޅުވައިދެއްވާފައެވެ.

ރައީސް އޮފީހުން ބުނެފައިވަނީ އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް