ads
ފައިނުގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް ހުޅުވައިދެއްވީ ރައީސް ސޯލިހު - ފޮޓޯ:ފެނަކަ
ފައިނު ފެނަކައިގެ އާ އިންޖީނުގެ އާއި އޮފީސް ރައީސް ހުޅުވައިދެއްވައިފި
ރ. ފައިނުގައި އަލަށް އިމާރާތްކުރެވުނު އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ފައިނުގައި އަލަށް އިމާރާތްކުރެވުނު ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ރައީސް ސޯލިހު ހުޅުވައިދެއްވާފައިވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ފައިނުގައި ހުޅުވުނު ފެނަކައިގެ އާ އިންޖީނުގޭގެ އިމާރާތާ ގުޅޭގޮތުން ފެނަކައިން ބުނީ މިއީ އެ ކޯޕަރޭޝަނުގެ 22 ވަނަ އިންޖީނުގެ ކަމަށެވެ. ފެނަކައިން ބުނެފައިވަނީ މީގެކުރިން އެ ރަށުގައި ބޭނުން ކުރަމުން އައި އިންޖީނުގޭގެ އިމާރާތަށް ނުވަ އަހަރުވެފައިވާ ކަމަށެވެ.

ކުރީގައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ 4،000 އަކަފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ ފައިނުގެ އިންޖީނުގޭގެ އޮފީހެއްގެ ގޮތުގައި މީގެ ކުރިން ބޭނުން ކުރަމުން އައީ ކުއްޔަށް ނަގާފައިވާ އިމާރާތެއް ކަމަށެވެ. އެތަނުގައި މަސައްކަތް ކުރެވެނީ ފަސް މުވައްޒަފުންނަށް ކަމަށް ފެނަކައިން ބުނެއެވެ.

your imageފައިނުގެ ނުވަ އަހަރުވީ ބާ އިންޖީނުގެ އާއި އޮފީސް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނި ގޮތުގައި ފައިނުގައި އަލަށް އިމާރާތްކުރި އިންޖީނުގެއަކީ 30x53 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމުގައެވެ. ފެނަަކައިން ބުނެފައިވަނީ އެ ރަށު އިންޖީނުގޭގެ އާ އޮފީސް އިމާރާތަކީ 36x31 ފޫޓު ބޮޑުމިނުގެ އިމާރާތެއް ކަމަށެވެ. އެ އިމާރާތުގައި 15 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ޖާގަ ތަނަވަސް ކުރެވިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ފެނަކައިން ބުނީ ކުރީގައި ބޭނުން ކުރަމުން އައި އިންޖީނުގޭގައި ހުރީ ޑެގް ރޫމަކާއި ކޮންޓްރޯލް ރޫމެއް އަދި ސްޓޯރެއް ކަމަށާއި އޭރުގައި އޮފީހެއްގެ ގޮތުގައި ހުރީ ސޯޓަރަކާއި ސްޓާފް އޭރިއާއެއް ކަމަށެވެ. އެހެންނަމަވެސް ހުޅުވުނު އިންޖީނުގޭގައި ސްޓޯރަކާއި ވޯކް ޝޮޕަކާއި އިންޖީން ރޫމަކާއި ކޮންޓްރޯލް ރޫމަކާއި ފިއުލް ޓޭންކަކާއި ޗިމްނީއެއްގެ އިތުރުން ޕޭންޓްރީއެއް ހުންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. ފެނަކައިން ބުނި ގޮތުގައި އަލަށް ހުޅުވި އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީއަކާއި މެނޭޖަރު ރޫމަކާއި ޕޭންޓްރީއަކާއި ފާހާނާއަކާއި މީޓިން ރޫމަކާއި ގެސްޓް ރޫމަކާ އަދި ސްޓޯރެއް ހިމެނޭ ކަމުގައެވެ.

your imageފައިނުގައި އަލަށް އިމާރާތްކުރެވުނު ފެނަކަ އިންޖީނުގެ އާއި އޮފީސް އިމާރާތް - ފޮޓޯ:ފެނަކަ

ފެނަކައިން ބުނެފައިވަނީ މީގެ ކުރިން ބޭނުން ކުރަމުން އައި އިންޖީނުގެ ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް ވީނަމަވެސް އާ އިންޖީނުގެ އާއި އޮފީސް އިމާރާތް ބިނާކޮށްފައިވަނީ ރަށުގެ ބަނދަރު ބަނދަރުމަތީގައި ކަމަށެވެ.

ފައިނުގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެ އާއެކު، ކަރަންޓު ކެޕޭސިޓީ ވަނީ 350 ކިލޯވޮޓުން 520 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް