މަޑުއްވަރި އާއި ދުވާފަރުގައި ހިންގާފައިވާ ބައެއް މަޝްރޫއުތަކުގެ ނިމުން ރައީސް ސޯލިހު ފާހަގަކޮށްދެއްވާފައި ވަނީ މިހާރު އެމަނިކުފާނު މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ ދެ ރަށަށް ވަޑައިގެންނެވެ.
މަޑުއްވަރީއަށް އިއްޔެ ވަޑައިގެން ރައީސް ވަނީ އެ ރަށު ބަނދަރު ހުޅުވައިދެއްވާފައެވެ. އަދި ދުވާފަރަށް ވަޑައިގެން އެމަނިކުފާނު މިއަދު ވަނީ އެ ރަށުގެ ބިން އިތުރުކުރުމުގެ މަޝްރޫއާއި މަގުހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވައި އަދި އެރަށު ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވާފައެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މަޑުއްވަރީގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކަމަށެވެ. މަޑުއްވަރީގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ބަނދަރާއި ނެރު ފުންކުރުމާއި 582 މީޓަރުގެ އެއްގަމުތޮށި ލުމާއި 135 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ހިމެނެއެވެ.
ރައީސް މިއަދު ނިމުން ފާހަގަކޮށްދެއްވި ދުވާފަރު ބިން އިތުރުކުރުމުގެ މަޝްރޫއުގެ މަސައްކަތްކޮށްފައި ވަނީ ވެސް އެމްޓީސީސީ އާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި މަޝްރޫއުގެ ދަށުން އެ ރަށަށް 22.2 ހެކްޓަރުގެ ބިން އިތުރުކޮށް، ބޮޑުހިލައިގެ ރިވެޓްމަންޓް އަދި ބޭރުތޮށި ޖަހާފައިވެއެވެ.
ރައީސް އޮފީހުން ބުނެފައިވަނީ ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 5.7 ކިލޯމީޓަރުގެ މަގު ރަނގަޅު ފެންވަރަކަށް ހަދާފައިވާ ކަމަށެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތްކޮށްފައި ވަނީ އެމްޓީސީސީ އާ ހަވާލުކޮށްގެން ކަމަށް އެ އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ދުވާފަރު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަސައްކަތުގެ ސަބްބޭސްގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީ އާ ހަވާލުކޮށްގެން ކަމުގައެވެ. ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކޮށްފައިވާއިރު ލައިޓިން ސިސްޓަމުގެ މަސައްކަތްކޮށްފައި ވަނީ ކޯލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން ބުނީ އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައި ކަމަށެވެ.
ފަހުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް އެ އޮފީހުން ބުނެއެވެ.