ads
ހުސައިން އަމްރު ރަޝާދު، ގއ.ދާންދޫގައި. ފޮޓޯ: ޑިމޮކްރެޓްސް
ދުވަސްވާވަރަކަށް އެމްޑީޕީ ދަނީ ދަށަށް: އަމްރު
ދުވަސް ވާ ވަރަކަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ދަނީ ދަށަށް ކަމަށާއި، ފެންނަމުންދަނީ ބާރު ސްޕީޑުގައި ޑިމޮކްރެޓްސް މައްޗަށް އަރަމުންދާ ތަން ކަމަށް އިލްޔާސް ލަބީބްގެ ރަނިންގްމޭޓް ހުސައިން އަމްރު ރަޝާދު ވިދާޅުވެއްޖެއެވެ.

އަންނަމަހުގެ 9 ވަނަދުވަހު ބޭއްވުމަށް ހަމަޖެހިގައިވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ގއ.ދާންދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި އަމްރު ވިދާޅުވީ، އެމްޑީޕީ އިން ބުނަމުންދާ ގޮތުން ޑިމޮކްރެޓްސް އިން އިންތިހާބުގެ މަސައްކަތް ފެށީ ތިންވަނައިގައި އޮވެގެން ކަމަށެވެ.

އެހެންނަމަވެސް މިހާރު ފެންނަ މަންޒަރުތަކައް ބަލާލުމުން ފެންނަމުންދަނީ ދުވަސް ވާވަރަކަށް އެމްޑީޕީ ދަށަށްދާ މަންޒަރުކަމަށާއި، އަދި ބާރު ސްޕީޑުގައި ޑިމޮކްރެޓްސް މައްޗަށް އަރައިގެން ދާ މަންޒަރުކަމަށްވެސް އަމްރު ވިދާޅުވިއެވެ.

މީގެ އިތުރުން، އަމްރު ވިދާޅުވީ، މިހާރު ކަންތައް މިދާގޮތުން، ކުރިއަށް 17 ވަރަކަށް ދުވަސްތެރޭގައި އެމްޑީޕީ ދަށަށް ދަމުންގޮސް ފެންނާނެ ނަތީޖާއަކީ، އެމްޑީޕީ ފަހަތަށް ޖައްސާލުމަށްފަހު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ޑިމޮކްރެޓްސް ދަތުރުކުރާނެ މަންޒަރު ކަމަށް، މިސަރުކާރުގެ ފަރާތުން އެސްޓީއޯގެ މެނޭޖިންގް ޑައިރެކްޓަރުކަން ވެސް ކުރިން ކުރެއްވި އަމްރު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ފެންނީ މިއިންތިހާބުގަ، ފުރަތަމަ އަހަރުމެން ފެށީވެސް، އެމީހުން (އެމްޑީޕީ) ބުނަނީ، އަހަރުމެން ފެށި ތިންވަނައިގައޭ. ޕާޓީ ރެޖިސްޓަރ ކޮށްލައިގެން ވަގުތުން ނިކުތީ އިންތިހާބަށް. އެކަމަކު ކޮންމެ ދުވަހެއް މިހެން ފާއިތުވެގެން ދާއިރު އަހަރުމެން އެބަދޭ އަރަމުން. އެމީހުން އެދަނީ ދަށަށް. އެހެންވީމަ އަހަރުމެންނަށް ފެނޭ، ގާތްގަނޑަކަށް ކުރިއަތް މިއޮތް 17 ދުވަސްތެރޭ ވަރަށް ބާރު ސްޕީޑެއްގަ އަހަރުމެން އަރައިގެން ގޮސް ދެވަނަބުރަށް ދާތަން. އެތަން މިހާރު ވަރަށް ސާފުކޮށް ފެންނަން ފަށައިފި." އަމްރު ޗިފާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރައްވާ، ކެމްޕޭނު ހަރަކާތުގައި އުޅުއްވުމަށްފަހު، ރައީސް ނަޝީދު އިސްވެ ހުންނަވައި ހިންގެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައިވެސް އިސްކޮށް އުޅުއްވި އަމްރު އެސްޓީއޯގެ މެނޭޖިންގް ޑައިރެކްޓަރު ކަމުގެ މަގާމުން ވަކިކުރެވުނީ، ފިކުރެއްގެ ދިރުމުގެ ހަރަކާތުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެއްކޮށް ކޯލިޝަން އެއްބަސްވުމެއް އެކުލަވާލެއްވުމަށް މަޝްވަރާ ބައްދަލުވުންތައް ބާއްވަން ފެއްޓެވި ހިސާބުންނެވެ.

އެސްޓީއޯގެ އެމްޑީކަމުގެ މަގާމުން ވަކިކުރެވުނު ފަހުން، ސަރުކާރަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ، އެންމެ ފަހުން ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގައި ވެސް އަމްރު އިސްދައުރެއް އަދާކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް